ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ފަރާތުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވާން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އޯ ލެވެލް އާއި އޭ ލެވެލް ފަދަ ބޭރުގެ އިމްތިހާނުތަނަކަށް ބަރޯސާވުމުގެ ބަދަލުގައި މިހާރުގެ އެންމެ ބޮޑު އެއް ވިސްނުމަކީ ގްރޭޑް 10 ނިންމާ ކުދިންނަށާއި ގްރޭޑް 12 ނިންމާ ދަރިވަރުންނަށް ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ތައާރަފުކުރުން ކަމަށެވެ.
އެގޮތުން އެފަދަ އިމްތިހާނެއް ފަރުމާކުރަމުން އަންނަ އިރު، ރާއްޖޭގައި ކިޔަވައި ދެނީ ނޭޝަނަލް ކަރިކިއުލަމަކަށްވާތީ އެގްޒާމް ބޮޑީއަކުން ހެދޭ ޕޭޕަރުތައް ދަރިވަރުންނަށް މާ ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޭރުން ރާއްޖެއާ ގުޅޭ ކޮންޓެކްސްޓް ރިލަވަންޓް ޕޭޕަރުތަކެއް އަޅުގަނޑުމެންނަށް ފަރުމާކުރެވޭނެ. އެ މަސައްކަތްތައް ވެސް ކޮންމެވެސް ވަރަކަށް ފަށާފައި އަޅުގަނޑުމެން ވާނީ،" މިނިސްޓަރު ވިދާޅުވި އެވެ. "އެކަމަކު އެއީ އަދި ކުރެވެމުންދާ މަސައްކަތެއް. އުއްމީދަކީ އެކަން އެގޮތަށް ހާސިލްވުން."
އެޑިއުކޭޝަން މިނިސްޓަރު މި މޭރުމުން ވާހަކަ ދެއްކެވި އިރު، މިދިޔަ އަހަރު ދެއްވި ޕްރެސްއެއްގައި ވެސް ރާއްޖޭގެ އަމިއްލަ އިމްތިހާނެއްގެ މުހިއްމުކަމުގެ ވާހަކަ މިނިސްޓަރު ދައްކަވާފައިވެ އެވެ.
ރާއްޖޭގައި ޒަމާނުއްސުރެއޯ ލެވެލް ހަދަނީ ކެމްބްރިޖު އިމްތިހާނެވެ. އަދި އޭ ލެވެލްގައި ހަދަނީ އެޑެކްސެލެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ އަންނަ އަހަރުން ފެށިގެން އޭ ލެވެލް އަށް ވެސް ކެމްބްރިޖު އިމްތިހާނު ދޭން ނިންމައިފަ އެވެ.