އައްޑޫ ސިޓީ ހިތަދޫ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައިފިއެވެ.
ފުލުހުން ބުނެފައިވަނީ ގެއަކުން ތިޖޫރީއެއް ވަގަށް ނަގާފައިވާ ކަމަށް މިއަދު ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ތިޖޫރީ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން ތިޖޫރީ ހޯދާފައިވާ ކަމަށެވެ. އެ ތިޖޫރީ ހޯދާފައިވަނީ އެ ރަށު ފަޅު ތަނެއްގައި ވަޅުލާފައިވަނިކޮށް ކަމަށާއި، ތިޖޫރީގައި ޕާސްޕޯޓު ތަކަކާއި ޑޮރަލު ތަކަކާއި ޗެކް ފޮތްތަކެއްގެ އިތުރުން އެހެނިހެން ތަކެތި ހުރި ކަމަށެވެ.
އަދި މި މަހު 30 ވަނަ ދުވަހު ސައިކަލެއް ވަގަށްނަގާފައިވާ ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ސައިކަލު ހޯދުމަށްވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެގޮތުން އެ ރަށު ފަޅު ގެއެއްގައި، ސައިކަލު ރޫޅާލާފައި ހުއްޓައި ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން މި މަހު 29 ވަނަ ދުވަހު ހިތަދޫ ގެ އަކުން އޭސީ އައުޓް ޑޯ ޔުނިޓެއް ވަގަށް ނަގާފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން އޭސީ އައުޓް ޑޯ ޔުނިޓް ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް، ދެ މީހަކު އެ އަންދާލުމުގެ މަސައްކަތްކުރަމުން ދަނިކޮށް ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 54 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ތިން މައްސަލަވެސް ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ.