މާލެއިން ފުރައިގެން ދަތުރު ކުރަމުން ދަނިކޮށް ފަރަށްއެރި ބޯޓުން އޮޔާދާ ތަކެއްޗަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.
މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުންދިޔަ "ލަންދޫ ބޯޓު" ދިޔަވެ ވަނީ ކ.ގާފަރު ފަރަށް އަރާފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ކ. ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް ދަންނަވާ ކަމަށެވެ.
ފަރަށް އެރި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައްވެސް ހަރަކާތްތެރިވަމުން ގޮސްފައިވާކަމަށް އެމްއެންޑީއެފްއިން މީގެކުރިން މައުލޫމާތު ދީފައިވެއެވެ. ބޯޓުގައި ތިބި ގިނަ މީހުން ގާފަރަށް ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.