Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

1،000،000ރ. ލިބޭ އާކިޓެކްޗަރަލް ޑިޒައިން މުބާރާތެއް

އެއް މިލިއަން ރުފިޔާގެ އިނާމު ލިބޭ އާކިޓެކްޗަރަލް ޑިޒައިން މުބާރާތެއްހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާނު ކޮށްފިއެވެ.

މި މުބާރާތުގެ ބައިވެރިވާ ފަރާތްތަކުން ސަގާފީ އަދި ޒަމާނީ ޑިޒައިން ހިމެނޭގޮތަށް "ޓޫރިޒަމް އައިލެންޑްގެ ކޮމާޝަލް ސްޕައިން"ގެ ކޮންސެޕްޓެއް އެކުލަވާލަންވާނެ ކަމަށާއި، މި ކޮމާޝަލް ސްޕައިން ވެގެންދާނީ އާންމުންނަށް ފަސޭހައިން ވިޔަފާރިކޮށްލެވޭ އަދި ހުސްވަގުތު ހޭދަކުރެވޭނެފަދަ ގިނަ ކުޅިވަރު ހަރަކާތްތަކެއް އެކުލެވިގެންވާ ސަރަހައްދަކަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި މުބާރާތަކީ 1 މިލިއަން ރުފިޔާގެ އަގުހުރި މުބާރާތެކެވެ. މިގޮތުން، ކޮންސެޕްޓް މަރުހަލާގައި 1 ވަނައަށްދާ ފަރާތަކަށް 200،000 ރުފިޔާ، 2 ވަނައަށްދާ ފަރާތަކަށް 30،000 ރުފިޔާ އަދި 3 ވަނައަށްދާ ފަރާތަކަށް 20،000 ރުފިޔާ އިނާމުގެ ގޮތުގައި ލިބިގެންދާނެއެވެ. މީގެ އިތުރުން މި މުބާރާތުން 1 ވަނައަށް ހޮވޭ ފަރާތަކުން ހުށަހަޅާ ކޮންސެޕްޓުގެ ޑީޓެއިލްޑް ޑިޒައިން ކުރެހުންތައް ތައްޔާރުކުރުމުގެ ފުރުސަތު އެފަރާތަކަށް ލިބިގެންދާނެއެވެ. އަދި ޑީޓެއިލްޑް ޑިޒައިން ފުރިހަމަ ކުރުމުން އެފަރާތަކަށް 750،000 ރުފިޔާ އިނާމުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ބުނެފައިވަނީ މި މުބާރާތަކީ ދިވެހި އަދި ބޭރުގެ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެހެން ހުޅުވާ ލެވިފައިވާ މުބާރާތެކެވެ. މިމުބާރާތުގެ މަޤްސަދަކީ ހުނަރުވެރި އަދި ގާބިލް އާކިޓެކްޓުން ވާދަކޮށްގެން، ދެމެހެއްޓެނިވި އަދި އުފެއްދުންތެރި ޑިޒައިންތަކެއް ހުށަހެޅުމުގެ ފުރުސަތު މަގުފަހިކޮށްދިނުން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެޗްޑީސީގެ ކޮމްޕެޓިޝަން ވެބްސައިޓް މެދުވެރިކޮށް https://design.hdc.com.mv/ ރަޖިސްޓަރކުރެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ކޮންމެ ބައިވެރިވާ ފަރާތެއްގެ ނަމުގައި ހުށަހެޅޭނީ އެންމެ ކޮންސެޕްޓް ކަމަށާއި އަދި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 12 ސެޕްޓެމްބަރ 2022 ވާ ހޯމަދުވަސް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.