Last Updated: June 29, 19:00
Monday, June 29, 2026
ވިޔަފާރި

ކޮކާކޯލާ ޑިސްޓްރިބިއުޝަން ސެންޓަރު ހުޅުވައިފި

ކޮކާކޯލާ އިން ހިތަދޫގައި ގާއިމް ކުރި ޑިސްޓްރިބިއުޝަން ސެންޓަރު މިއަދު ހުޅުވައިފި އެވެ.

ހިތަދޫ ހިއްކި ބިމުގައި "ބީޓެކް" އިން ހަދާފައިވާ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ސެންޓަރު ހުޅުވައި ދެއްވީ ޑައިރެކްޓަރު އޮޕަރޭޝަން ސަންޖޭ މަނިކު އެވެ.

މި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިލިންދު ދެރަސަރީ ވިދާޅުވީ އައްޑޫގައި ހުޅުވި ސެންޓަރަކީ މާލެ ފިޔަވައި އަތޮޅު ތެރޭ ހުޅުވި ފުރަތަމަ ޑިސްޓރިބިއުޝަން ސެންޓަރު ކަމަށެވެ.

1

މިލިންދު ވިދާޅުވީ މާލެ ފިޔަވައި އެކުންފުނީގެ ޕްރޮޑަކްޓްތަކަށް އެންމެ ބޮޑު މާކެޓެއް އޮތީ އައްޑޫގައި ކަމަށް ވުމުން ވިޔަފާރިވެރިންނާއި އާއްމު ފަރާތްތަކަށް ވީހާ ވެސް ފަސޭހަ ގޮތަކަށް ހިދްމަތް ފޯރުކޮށް ދިނުމަށް ސެންޓަރުން އެހީތެރިކަން ދޭނެ ކަމަށެވެ.

އައްޑޫގައި މިއަދު ހުޅުވި ސެންޓަރުން މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީން އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް މާލެ އާއި އެއްއަގެއްގައި ލިބެން ހުންނާނެ އެވެ. އެގޮތުން ކޮކާކޯލާގެ އިތުރުން ފެންޓާ އޮރެންޖް، ސްޓޯބެރީ، ސްޕްރައިޓް، ބާން އެެނާޖީ ޑްރިކް ގެ އިތުރުން ބޮނަކުއާ ފެން ލިބެން ހުންނާނެއެވެ.

މިލިންދު ވިދާޅުވީ އެކުންފުނިން ދާދި ފަހުން ރާއްޖޭގެ މާކެޓަށް ނެރުނު މިނިޓް މެއިޑް ޕަލްޕީ އޮރެންޖް ޖޫސްގެ ޕްރޮމޯޝަނެއް ވަރަށް އަވަހަށް އައްޑޫގައި ބާއްވާނެ ކަމަށެވެ.

ކޮކާކޯލާގެ ފަރާތުން އައްޑޫގައި ބޮޓްލިން ޕްލާންޓެއް ބެހެއްޓުމަށް ވިސްނަމުންދާ ކަމަށް ވެސް މިލިންދު ވިދާޅުވިއެވެ. ނަމަވެސް އެމަސައްކަތް ފަށާނީ ފުރަތަމަ ޑިސްޓްރިބިއުޝަން ކުރިއަށް ގެންގޮސް ތަރުހީބަށް ބެލުމަށް ފަހު ކަމަށެވެ.

އައްޑޫ ޑިސްޓްރިބިއުޝަން ސެންޓަރު ހުޅުވުމަށްފަހު ފުރަތަމަ ޑެލިވަރީ ހަވާލުކުރުމަށް ވެސް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ސަރަހައްދުގައި ހުންނަ "ޒިމާއު" ފިހާރައަށް ފުރަތަމަ ޑެލިވަރީ ކުރުމަށްފަހު ސަންޖޭ މަނިކުވަނީ އިންވޮއިސް ޒިމާއު ފިހާރައިގެ ވެރިއާ މަރަދޫ ޝަރަފުއް ޒަމާން އާއި ހަވާލުކޮށްފަ އެވެ.

2

ކޮކާކޯލާ އިން ބުނީ ފެނާއި އެ ކުންފުނީގެ މުދާ ފިހާރަކަުގެ އިތުރުން ގޭގެއިން ގުޅައި އޯޑަރު ދިނުމުންވެސް ޑެލިވަރީކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.