އައްޑޫގައި މިހާރު ވައްކަންކުރުން އިތުރުވެފައިވާ އިރު ހިތަދޫން ވައްކަންކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ މި މަހު 29 ވަނަ ދުވަހު ހިތަދޫ ގެއަކުން އޭސީއެއްގެ އައުޓް ޑޯ ޔުނިޓެއް ވަގަށް ނަގާފައިވާ މައްސަލައެއް ހުށަހެޅުމާ ގުޅިގެން ކަމަށެވެ. އެގޮތުން އައުޓް ޑޯ ޔުނިޓް ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް، ދެ މީހަކު އެ އަންދާލުމުގެ މަސައްކަތްކުރަމުން ދަނިކޮށް ފެނިފައިވާ ކަމަށާއި އެކަމާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 54 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.
އަދި އެ މީހުންގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ގިނަ އަދަދެއްގެ ކުށްވެރިންތަކެއް އައްޑޫގައި ދޫވެފައި ތިބި އިރު އެ މީހުންގެ ސަބަބުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެ، އާންމުންގެ ތެރޭގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
ހިތަދޫން މި ހަފުތާގެ ތެރޭގައި ކުރި އެކި ވައްކަންތަކުގައި ގެއަކުން ތިޖޫރީއެއް ވެސް ވަގަށް ނަގާފައިވާ އިރު، ސައިކަލެއް ވެސް ވަގަށް ނަގައި ފަޅު ގެއެއްގެ ތެރޭގައި އެ ރޫޅާލާފައި ހުއްޓައި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ގެއަކުން ވަގަށް ނެގި ގިނަ އަދަދެއްގެ އިލެކްޓްރިކް ސާމާނުތަލެއް ވެސް ފުލުހުން އިއްޔެ ހޯދާފައިވެ އެވެ.