މާލޭގެ އޮލިމްޕަސް ސިނަމާ ނުހުޅުގައިގެން ފިލްމީ ދާއިރާގެ މީހުން ތިބީ ނުރުހިފަ އެވެ. ދިވެހި ފިލްމުތައް އަޅުވަން ރާއްޖޭގައި ހުރި ހަމައެކަނި ރަސްމީ ސިނަމާ ބަންދުކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ދިމާކޮށް 2020 މާޗް މަހުގެ ކުރީކޮޅު އެވެ.
އޮލިމްޕަހުގައި އެންމެ ފަހުން އެޅުވި ފިލްމަކީ އަލީ ސީޒަންގެ "އަނދިރިކަން" އެވެ. އޭގެ ފަހުން އޮލިމްޕަސް ނުހުޅި ދިގުލައިގެންދާތީ ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މި މައްސަލާގައި ބައެއް ސްޓޫޑިއޯތަކުން އާޓްސް މިނިސްޓަރު ޔުމްނާ މައުމޫންގެ އިސްތިއުފާ އަށް ވެސް ސޯޝަލް މީޑިއާގައި ގޮވާފައިވެ އެވެ.
މި މަހުގެ ތެރޭގައި އޮލިމްޕަސް ހުޅުވާނެ އިޝާރާތެއް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ޖުލައި މަހުގެ ތެރޭގައި ދީފައިވެ އެވެ. އެކަމަކު ހުޅުވާނެ ތާރީހަކާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އެތަނުން ބުނި ގޮތުގައި މި މަހުގެ ތެރޭގައި އޮލިމްޕަސް ހުޅުވޭތޯ އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އޮލިމްޕަސް ނުހުޅުވި ލަސްވަނީ އެތަން ޒަމާނީ ފެންވަރަށް މިހާރު ތަރައްގީކުރާތީ އެވެ.
މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި އެ ޕާޓީ އަށް ނިސްބަތްބާ އާޓްސް ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ވިދާޅުވެފައ ވަނީ އަލުން އޮލިމްޕަސް ހުޅުވާ އިރު، އެތަން ވާނީ މި ސަރަހައްދުގެ ސިނަމާތަކުގެ ތެރެއިން ވަރަށް ފާހަަކޮށްލެވޭ ފެންވަރުގެ ތަނަކަށް ކަމަށެވެ. އެކަމަކު ސިނަމާ ހުޅުވާނެ އިރަކާ ބެހޭ ވާހަކައެއް ތޯރިގް ނުދައްކަވަ އެވެ.
މުޅި ފިލްމީ ދާއިރާ އޮތީ އޮލިމްޕަސް ހުޅުވާނެ އިރެއްގެ އިންތިޒާރުގަ އެވެ. އެތަނުގެ ފެންވަރަށް ވުރެ ފިލްމީ ހަދާ މީހުންނަށް މި ވަގުތު މުހިއްމުވެފައި އޮތީ ބަންދުކޮށްފައި ހުންނަތާ ދެ އަހަރެއްހާ ދުވަސްވީ ސިނަމާ އަލުން ހުޅުވައިދީ، އެ މީހުންގެ މަސައްކަތްތައް އާންމުންނަށް ދައްކާލެވޭ ގޮތެއް ހަދައި ދިނުމެވެ.
މިހާރު ވެސް ބައެއް ސްޓޫޑިއޯތަކުން ތިބީ ފިލްމުތައް ނިންމައިގެން ސިނަމާ ހުޅުވާނެ ވަގުތަކަށް ބަލަބަލަ އެވެ. އޮލިމްޕަސް ބަންދުކޮށްފައި ހުރުމުން ފިލްމުތައް ނަހަދައި މަޑުކޮށްގެން ތިބި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަަރުން ވެސް މަދެއް ނޫނެވެ. އޮލިމްޕަހަކީ ދިވެހި ފިލްމު ހަދާ މީހުން ކާންބޯންކުރާ މަސައްކަތާ އެންމެ ބޮޑަށް ގުޅިފައިވާ ވަތަނެވެ. އެހެންވެ ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އެތަން ހުޅުވައި ކުރިއެކޭ އެއްގޮތަށް ފިލްމުތައް އެޅުވޭނެ ގޮތެކެވެ.
އޮލިމްޕަސް ހުޅުވާނެ އިރަކަށް ރިލީޒްކުރުން ފަސްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ހަތަރު ފިލްމެއް ހިމެނެ އެވެ. އެއީ "ނޮވެމްބާ" އާއި "ބީވީމާ" ގެ އިތުރުން "ބަޅިނދު" އާއި "ހިނދުކޮޅެއް" އެވެ.
އޮލިމްޕަހުގެ ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ "ކޮސް ގިނަ މިސްޓޭކް" އާއި އިލްޔާސް ވަހީދުގެ "ނީނާ" އަދި ސީޒަންގެ "ލޯބިވެވިއްޖެ" ވެސް ހިމެނެ އެވެ. އަދި "ދެރިޔާ" އުފެއްދި ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ވެސް "ލަސްވިޔަސް" ގެ ނަމުގައި ފިލްމެއް ހަދަމުން އަންނާތީ މިއީ ވެސް އޮލިމްޕަސް ކްރީނުން ބެލުންތެރިން ބަލާލަން ބޭނުންވާ ފިލްމެކެވެ. އެކަމަކު އެ ފިލްމު އަޅުވަން ހަމަޖައްސާފައި ވަނީ އަންނަ އަހަރު އެވެ.
އެންމެ ބޮޑު ސުވާލަކީ އޮލިމްޕަސް މި މަހުގެ ތެރޭގައި ހުޅުވޭވަރު ވާނެތޯ އެވެ؟ އެ ވަރުން ނުވަންޏާ ކުޑަމިނުން އަހަރު ނިމުމުގެ ކުރިން ވެސް އެކަން ވެދާނެތޯ އެވެ؟