Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ރައީސް ދެވަނަ ދައުރަކަށް އިންތިހާބު ވާނެ: ޝާހިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިނިސްޓަރު އަބްދުﷲ ޝާހިދު- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ޕްރިންޓް"އަށް ދެއްވި އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި ޝާހިދު ވަނީ އިންޑިއާ އަދި ރާއްޖެއާ ދެމެދުއޮތް ގާތް ގުޅުމަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ. އަދި މީގެކުރިންވެސް ރާއްޖެއިން ބޭނުންޖެހުނު ކޮންމެ ވަގުތެއްގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިއާ ކަމަށާއި، ރާއްޖެއިން "އިންޑިއާ ފަސްޓް" ޕޮލިސީ ދަމަހައްޓާނެ ކަމަށެވެ. އަދި މިއާއެކު ޗައިނާ ހިމެނޭގޮތުން އެހެން ގައުމުތަކާއެކުވެސް މަސައްކަތް ކުރާނެ ކަމަށާއި، އަދި އެ ގައުމުތަކުން ވަމުން އަންނަ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރާ ކަމަށް ވިދާޅުވިއެވެ.

އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން އަންނަ ޝާހިދު މި އިންޓަވިއުގައި ވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

އެގޮތުން ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތް ހިންގަމުން އަންނަނީ ތަރައްގީގެ އެޖެންޑާއެއް ނެތް އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދަނީ ރައްޔިތުންނަށް ވިއްކާނެ އިތުރު އެއްޗެއް ނެތުމުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ ރައްޔިތުން ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރާނެ ކަމަށާއި، ރައީސް ސޯލިހްގެ ލީޑާޝިޕްގައި ކޮށްދީފައިވާ ކަންކަން ރައްޔިތުން ބަލައިގަންނަ ކަމަށެވެ.

ޝާހިދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެކުރިން ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ހާމަކުރައްވާފައެވެ. އަދި ރައިސް ނަޝީދު ވަނީ އެމްޑީޕީ ޕްރައިމަރީގައި އެމަނިކުފާނާއި ރައީސް ސޯލިހްގެ އިތުރުން ތިން ވަނަ ފަރާތެއް ވާދަކުރެއްވުން މުހިންމުކަން ފާހަގަކޮށް ޝާހިދަކީ އެފަދަ ކަމަކަށް ކުފޫ ހަމަވާ ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.