އައްޑޫގައި ވައްކަމުގެ މައްސަލަތައް މަދުކުރުމާ އަދި ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށް ދިނުމަށް ފުލުހުން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ފުލުހުން ބުނީ އާންމުކޮށް ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ސުވާލުކުރުމާއި، ކުށްތައް ގިނަކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކުގައި ފުޓްފެޓްރޯލް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހިތަދޫ ގެއެއް ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގޯ ޕްރޯއަކާއި މޮބައިލް ފޯނުތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އައްޑޫގައި ވައްކަމުގެ މައްސަލަތައް މަދުކޮށް އެކަން ހުއްޓުވުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގޭބިސީތަކާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ވައްކަމުގެ މައްސަލަތައް ގިނަވާ ކަމަށް ބެލެވޭ ގަޑިތަކުގައި ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ކުރަން ހަމަޖެހިފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އައްޑު އަކީ ކުށް މަދު އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެ އެވެ.
އެހެންވެ ވައްކަން ކުރުމުގެ ފުރުސަތު ނުދިނުމަށާއި ފައިސާ އާއި އެހެނިހެން ތަކެތި ފަސޭހައިން ނެގޭ ގޮތަށް ނުވަތަ ފެންނަ ގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށް ބުންޏެވެ. އަދި ގޭގެ ދޮރުތަކާއި ފެންލައިޓުން ވެސް ނުވަދެވޭނޭހެން ބެހެއްޓުމަށާއި ރެކޯޑު ކުރެވޭ ގޮތަށް ކެމެރާ ސިސްޓަމް ހަރުކުރުމުގައި ގޭގެވަށައިގެން ފެންނާނޭހެން ބެހެއްޓުމާއި ވައްކަމުގެ މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ ފުލުހުންނަށް ވީހާ ވެސް އަވަހަކަށް ރިޕޯޓު ކުރަން ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.