ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ބޯޑުން މުހަންމަދު އާސިފް، މޮންދު އިސްތިއުފާ ދެއްވައިފިއެވެ.
މޮންދު ޕީއެސްއެމްގެ ބޯޑުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
އެހެންނަމަވެސް އޮންލައިން ނޫސް "އަދަދު"އަށް މައުލޫމާތު ދެއްވަމުން މޮންދު ވިދާޅުވެފައިވަނީ، އިސްތިއުފާ ދެއްވީ "އެ މަސައްކަތާ ފުށޫއަރާ ފަދަ އެހެން މަސައްކަތެއްގައި އުޅުމަށް ގަސްދު ކުރައްވާތީ މަސްލަތަކަށްޓަކައި" ކަމަށެވެ.
މޮންދު ޕީއެސްއެމްގެ ބޯޑަށް އައްޔަނު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
މޮންދު ވަނީ 22 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޓީވީއެމްގައި މަސައްކަތް ކުރައްވާފައެވެ. 2013 ވަނަ އަހަރު ޓީވީއެމްއިން ވަކިވެވަޑައިގެންނެވި އިރު މޮންދު އަކީ އެސްޓޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ)އެވެ. މޮންދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައެވެ.