ޕޯޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ބަލާދިޔަ މީހާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.
ޕޯސްޓުން އެތެރެކުރި 1.674 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ޕޯސްޓު ބަލައި ދިޔަ 23 އަހަރުގެ އަންހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހާފައިވަނީ އިއްޔެއެވެ.
ބަންދު އަމުރުގައިވާގޮތުން އެ އަންހެން މީހާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް އެކށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި އެތެރެކޮށްފައިވާ ޕެކޭޖުން ފެނުނު ހަތަރު ޕެކެޓުގެ ތެރެއިން ދެ ޕެކެޓުގައި ހުރި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެޓަމިންއަށް ޕޮޒިޓިވްވެފައިވާއިރު، އަނެއް ދެ ޕެކެޓުގައި ހުރި ތަކެތި ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށް އަރައެވެ.