އެކާވީސް ވަނަ ގަރުނަށް ފެތޭ، ނަތީޖާ ނެރޭ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ތަރައްގީވެގެން ދިއުމަކީ ކުރެވޭ އުންމީދެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ސީޕީ ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް އަންނަމުންދާ ރަނގަޅު ބަދަލުތަކާ އެކީ ރައްޔިތުންގެ އިތުބާރު ލިބޭނެ މުއައްސަސާއަަކަށް ފުލުހުންގެ ޚިދުމަތް ހެދުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބުވާނެ ކަމަށެވެ.
އެގޮތުން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރައްޔިތުންނަށް އަމާން މުޖުތަމައެއް ގާއިމުކޮށް ދިނުމަށް ކެނޑިނޭޅި ރެ އާއި ދުވާލު ކުރެވެމުންދާ މަސައްކަތްތައް އިހުނަށް ވުރެ ފުޅާކޮށް މިއަދުގެ ކުށުގެ ވެށި ދައްކުވައިދޭ މަންޒަރުތަކަށް ފުރިހަމައަށް ހަރަކާތްތެރިވެވޭނެ ފުލުހުންނާއި ވަސީލަތްތައް ހުރި މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވެގެން ދިއުމަކީ އުންމީދެއް ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުންގެ އުމްރާނީ ތަރައްގީއަށް ލިބިގެން ދިޔަ ކުރިއެރުންތަކާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުގެެ ދުވެލި ދުވަހެއް ދުވަހަކަށް މިދަނީ ކުރި އަރައި ފުޅާވެ އިތުރު ހަރުފަތްތަކެއް ގިރާކުރަމުން – @M_Hameedh pic.twitter.com/S1rHOxXFQA
— Maldives Police (@PoliceMv) September 1, 2022
ސީޕީ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ޖަވާބުދާރީވެ ފަރުދުންގެ ހައްގުތަކާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންތިޒާމުތަކާއެކު، ކުށްކުރުން ހުއްޓުވުމާއި ކުށްކުރާ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރެވި ދައުވާކުރެވޭނެ މިންވަރަށް ތަހުގީގާ ގުޅޭ އެންމެހައި ކަންކަން ފުރިހަމަވެގެން ދިއުމަކީ ވެސް އުންމީދެއް ކަމަށެވެ.
ސީޕީ ވިދާޅުވީ ފުލުހުންނާ މެދު ކުރެވޭ ޝަކުވާތައް ބަލައި އެފަދަ މައްސަލަތައް ހައްލުކޮށް ރައްޔިތުން އެދޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތް ދިނުމަށް މިސްރާބު ބަދަލުކުރުމަށް ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ގިނަ އާ ކަންތައްތަކެއް ތައާރަފު ކުރެވިފައިވާ ކަމަށެވެ.
"ފުލުހުންގެ ޚިދުމަތުން މިސްރާބު ހިފާފައިވަނީ މި ނަތީޖާތައް ހާސިލުކުރުމަށް. އަދި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ ކިބައިން އިތުބާރާއި ޔަގީންކަން ހޯދުމަށް ފުލުހުން ކުރާ މަސައްކަތްތައް ވަރުބަލިވުމެއް މަޑުޖެހުމެއްނެތި ތަރުތީބުގެ ތެރެއިން ރާވައި، ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން،" ސީޕީ ވިދާޅުވި އެވެ. "އަދި ފުލުހުންގެ ހިދުމަތް މިހާރަށް ވުރެ ބޮޑަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ވެސް ކުރަން."
ސީޕީ ވިދާޅުވީ 2004 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފުލުހުންގެ ޚިދުމަތް ތަރައްގީވެފައިވާ އިރު އެ ތަރައްގީގައި މިހާތަނަށް ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރެއްވި ވެރިންނާއި މުވައްޒަފުން ފޯރުކޮށްދީފައިވާ ޚިދުމަތްތައް ހަނދާންކުއްވާ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތުގައި އިސްކޮށް ހަރަކާތްތެރިވި ވެރިންނަށާއި، އެކި ރޭންކުގެ ފުލުހުންނާއި މުވައްޒަފުންނަށް ޝުކުރުއަދާކުރެއްވި އެވެ.