Last Updated: July 23, 16:49
Thursday, July 23, 2026
ދުނިޔެ

ޓްރަމްޕަކީ އެމެރިކާ އަށް ހުރި ނުރައްކަލެއް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީގައި ތިބި އޭނާގެ ބައިވެރިންނަކީ ގައުމަށް ހުރި ނުރައްކަލެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ބައިޑެން މިހެން ވިދާޅުވެފައިވާއިރު ރިޕަބްލިކަން ޕާޓީގައި ޓްރަމްޕްގެ ނުފޫޒު ވަނީ އިންތިހާ އަށް ގަދަވެފަ އެވެ. އެގޮތުން އިތުރު ވެރިކަމުގެ އިތުރު ދައުރަކަށް އެ ޕާޓީގެ ފަރާތުން ޓްރަމްޕް ނިކުންނެވުމަކީ ވެސް ގާތް ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ޕެންސިލްވޭނިއާގައި ރޭ ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވީ ރިޕަބްލިކަން ޕާޓީގައި މިއަދު އޮތީ ޓްރަމްޕާއި އޭނާގެ ބައިވެރިންގެ ނުފޫޒު ކަމަށާއި އެ ފަރާތްތަކަކީ އެމެރިކާ އަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި ޓްރަމްޕާއި އޭނާގެ ބައިވެރިންނަކީ އެމެރިކާގެ ގާނޫނުތަކަށް އިހުތިރާމް ކުރާ ބައެއް ނޫން ކަމަށާއި އެއީ އިންތިހާބުތަކުގެ ނަތީޖާ ވެސް ގަބޫލުކުރަން ދެކޮޅު ހަދާ ބައެއް ކަމަށް ބައިޑެން ވިދާޅުވި އެވެ.

ބައިޑެން ވަނީ އެ ފަރާތްތަކުން މަސައްކަތް ކުރަނީ އެމެރިކާ ފަހަތަށް ގެންދިޔުމަށް ކަމަށާއި ޑިމޮކްރެސީ ދިފާއުކޮށް ހިމާޔަތްކުރަންޖެހޭ ހާލާތަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ޑިމޮކްރެސީ ހަލާކުކޮށްލަން މަސައްކަތް ކުރަމުންދާއިރު އެމެރިކާގެ ރައްޔިތުން އެއަށް ވުރެ ވަރުގަދަ އަށް ޑިމޮކްރެސީ ސަލާމަތްކުރަން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.

މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ޓްރަމްޕަށް ނިސްބަތްކޮށް ބައިޑެން މިހާ ވަރުގަދަ އަށް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ކޮންގްރެސް އަދި ސެނެޓަށް މެމްބަރުން ހޮވަން އަންނަ ނޮވެމްބަރުގައި ބާއްވާ އިންތިހާބަށް ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުން ފޯރިއާއެކު ކެމްޕޭން ކުރަމުންދާއިރު އެ އިންތިހާބަކީ ބައިޑެންގެ ސަރުކާރާއި މެދު އާންމުން ދެކޭގޮތް ވަރަށް ރަނގަޅަށް ހާމަވެގެންދާނެ އިންތިހާބެއް ކަމަށް ބެލެވެ އެވެ.