Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

ގޮޓަބަޔާ މާދަމާ ލަންކާ އަށް

މިހާރު ތައިލޭންޑްގައި ހުންނެވި ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ މާދަމާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެެއް ބުނެ އެވެ. އެކަމަކު ގޮޓަބަޔާ މާ ލަސްތަކެއް ނުވެ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ޖުލައި މަހުގެ ތެރޭގައި ސަރުކާރުން ދީފައިވެ އެވެ. އޭނާ ތައިލޭންޑަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 11 ގަ އެވެ.

އޭގެ ކުރިން ޖުލައި މަހުގެ 14 އިން އޮގަސްޓް 10 އާ ހަމައަށް ހުންނެވީ ސިންގަޕޫރްގަ އެވެ. ގޮޓަބަޔާ ގައުމުން ފިއްލެވީ ޖުލައި މަހުގެ 13 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވަން ހަމަޖެހިފައި ވަނިކޮށެވެ. އެ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އޭނާ އެންމެ ފުރަތަމަ ވަޑައިގެންނެވީ އަސްކަރީ ޖެޓެއްގައި ރާއްޖެއަށެވެ. އެއީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑަކާ އެކީގަ އެވެ.

އޭގެ ފަހުން ސިންގަޕޫރަށް ޖުލައި 14 ގައި ވަޑައިގެން އިސްތިއުފާ ވެސް ދެއްވީ އެ ދުވަހު އެ ގައުމުގައި ހުންނަވަ އެވެ.

ގޮޓަބަޔާ އެނބުރި ވަޑައިގަންވަން ތައްޔާރުވާ އިރު، އޭނަ އަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ލަންކާގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްއެލްއެސް) އިން ގޮވާލާފައިވެ އެވެ. އެތަނުން ބުނި ގޮތުގައި ގޮޓަބަޔާ އާއި އާއިލާގެ މެމްބަރުންނަށް މަރުގެ އިންޒާރު ދޭކަމުގެ ޝަކުވާތަކެއް ގިނަ އަދަދަކަށް ލިބިފައިވެ އެވެ.

ލަންކާގެ ރައްޔިތުން ގޮޓަބަޔާ ސިފަކުރަނީ "ބޮޑު ވަގެއް" ގެ ގޮތުގަ އެވެ. އަދި އެތައް ބައެއްގެ ލޭ ވެސް އޮހޮރުވާފައިވާ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގަ އެވެ. އެހެންވެ އޭނަގެ މައްޗަށް ދައުވާކޮށް، އަދަބު ދޭން ގިނަ ބަޔަކު ގޮވާލަމުން ގޮސްފައިވެ އެވެ.

މިހާރު ލަންކާގެ ރައީސަކަށް ހުންނެވީ ގޮޓަބަޔާގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އަދި އޭނަގެ ސަރުކާރުން މެއި މަހު ބޮޑުވަޒީރު ކަމަށް އައްޔަންކުރި ރަނިލް ވިކްރަމަސިންހަ އެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ ޖުލައި 20 ގަ އެވެ