Last Updated: April 27, 17:12
Saturday, April 27, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

ހީނާއަކީ މަޝްހޫރު ފިލްމީ ތަރިއެކެވެ. ލަންކާ އަށް ހީނާ އައީ އޭނާގެ ފޮތުގެ މަސައްކަތް ކުރުމަށް ފަސޭހަ ވާނެތީ އެވެ. އަދި އޭޏާގެ ހަޔާތުގެ ނުލިބިފައިވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ހޯދުމަށް ވެސް މެ އެވެ.

ޑިސެންބަރަކީ އާދަޔާޙިލާފަށް ލަންކާގަ ދިވެހިން ގިނަ ދުވަސްވަރެކެވެ. އޭނާ އިން ޓެކްސީގެ ބާރު ދުވެލި ކޮންޓްރޯލުން ނެއްޓި އޭނާގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހާދިސާއަކާ ކުރިމަތިވި އެވެ.

ހިލްޓަން ހޮޓެލްގެ މީހުން ހައިރާންވެފައި ތިއްބެވެ. ދެ ދުވަހެއް ކުރިން އެތަނަށް އައި ދިވެހި އަންހެން މީހާ އަށް ވީ ގޮތެއް ނޭނގެ އެވެ. ހޮޓަލަށް ޗެކިން ވުމަށް ފަހު ތަކެތި ބަހައްޓާފައި ދިޔަ ގޮތަށް ހޮޓަލަކަށް ނަ އެވެ.

ހީނާގެ ގާތްތިމާގެ މީހުން ވެސް އޭނާ އަށް ވީގޮތެއް ނޭނގިފައި ހައިރާންވެފައި ތިއްބެވެ.

ހީނާ ނަވަލޯކާ ހޮސްޕިޓަލުގެ އައިސީޔޫގައި މަރާ ހަނގުރާމަ ކުރަމުން ދިޔަ އެވެ. ގޮތް ނޭނގޭ މީހަކު އޭނާ އަށް ޒިޔާރަތް ކުރަމުން ދިޔައެވެ. އެ ގޮތް ނޭނގޭ މީހާއަކީ ޒަމާނެއްގައި އޭނާ ވެސް އިންތިހާ އަށް ލޯބިވި މީހެކެވެ. އޭނާ އަށް ހަނދާން ނައްތާނުލެވުނު ސޫރަ އެވެ.

ހީނާ ހޮސްޕިޓަލުގައި އޮތް ޙަބަރު ލިބުމާ އެކު އޭނާގެ ދެ ކުދިންނާއި ގާތް މީހުން ޒިޔާރަތް ކުރަމުން ދިޔަ އެވެ. ހީނާ އޮތް ހާލު ފެނުމާ އެކު ދެ ކުދިން ގަދަ އަޑުން ރޯން ފަށަ އެވެ. އަދި ހީނާގެ ސަލާމަތަށް އެދި ދުޢާ ކުރަން ފަށަ އެވެ.

ހީނާ އާ މެދު އަޖާއިބުން ފުރިގެންވާ ކަންތައްތަކެއް ވަމުން ދިޔައެވެ.

ބާބު: 1

ހީނާ އޭނާގެ އެނދުގައި ވިސްނުމަކަށް ގެއްލިފައި އޮތެވެ. މިއަދު އޭނަގެ ހަޔާތުގަ އޭނާ އެކަނިވެރިޔޭ ހީވަނީ ކީއްވެ ބާވަ އެވެ؟ އޭނާގެ ދެ ކުދިން ކަމަށްވާ ތާނިޔާ އާއި ޒުއްނޫން ވެސް ކިޔަވަމުން ދަނީ ޓްރިވެންޑުރަމްގެ ހައި ސްކޫލެއްގަ އެވެ.

ރާމިޒް އާ ކައިވެނި ކުރުން އެއީ އޭނާގެ އަމިއްލަ ނިންމުމެކެވެ. ރާމިޒް އާއި އޭނާ ކައިވެނި ކުރީ އެ ދެ މީހުންގެ އެކުވެރިކަން ބަދަހިވު މާއެކު ގިނަ މީހުންގެ ލޯތަކަށް ދެމީހުން ދެ މީހުން އެކުގަ ފެނުމުން އަބުރު ވެރި ގޮތަކަށް ދިރިއުޅުން ބިނާ ކުރަން ވެގެންނެވެ. އަނެއްކޮޅުން ރާމިޒް ވެސް ވެގެން ދިޔައީ އޭނާގެ ދެ ކުދިންނަށް ރަނގަޅު ދޮންބައްޕައަކަށެވެ.

ތާނިޔާއަކީ ވަރަށް މަސައްކަތްތެރި ކުއްޖެކެވެ. ކިޔެވުމުގެ އިތުރުން ޕާޓްޓައިމްކޮށް މަސައްކަތް ވެސް ކުރަމުން ދެ އެވެ.

ޒުއްނޫން ބޭނުންވީ އޭނާގެ ބައްޕަގެ ވިޔަފާރީގައި އެހީވުމަށެވެ. ކިޔެވުމާ އެކު ގިނަ ވަގުތު ބައްޕަ އާ އެކު ބައްޕަގެ އޮފީހުގައި އޭނާ ހޭދަ ކުރެ އެވެ.
ޒުއްނޫނަކީ ތާނިޔާއަށް ވުރެ ދޮށީ މީހާ އެވެ. މިޒާޖުގައި ސީރިޔަސް ގޮތެއް ހުރި ރީތި ޒުވާން ކުއްޖެކެވެ. ތާނިޔާއަކީ ވެސް ރީތިކަމާ ފަރިކަމުގެ ނަމޫނާއެކެވެ. ދެ ކުދިން ވެސް ރާމިޒް އާ އެހާ ގުޅެ އެވެ. ބައެއް ފަހަރަށް ދެ ކުދިން އެކުގައި ރާއްޖެ އާދެ އެވެ. އަދި ރާމިޒް އާއި ހީނާ އާ އެކު ވަގުތު ހޭދަ ކުރެ އެވެ.

ތާނިޔާ އަބަދުވެސް ބޭނުން ވަނީ މަންމަ ކައިރީ އުޅޭށެވެ. ކޮންމެ ފަހަރަކު އޭނާ ފުރައިގެން ދަނީ މަންމަ ގައިގައި ބައްދައިގެން ހުރެ އެތަށް ވަރަކަށް ރުއިމަށް ފަހު އެވެ.
ހީނާ ފިލްމީ ކަންތަކަށް ތަންތަނަށް ފުރައިގެން ދިޔުމަކީ ތާނިޔާ މާ ގަބޫލް ކަމެއް ނޫނެވެ. ނަމަވެސް ހީނާ ދެކޭ ގޮތުގައި ފިލްމީ ދުނިޔެއަކީ އޭނާގެ ކުރިމަގެވެ.
ކުދިން ކުޑައިރު އޭނާ ހުންނަ ލޮކޭޝަންތަކަށް އޭނާ ކުދިން ގެންދެ އެވެ. ސްކޫލް ޗުއްޓީތަކުގަ އެވެ. ބައެއް ފަހަރަށް ލިބޭ ހުރިހާ ބުރޭކެއްގައި އޭނާ ކުދިންނާ އެކު ވަގުތު ހޭދަކޮށްލަނީ އުފަލުންނެވެ. ބައެއް ފަހަރު ތާނިޔާ ބޮޑާހާކާލާ ނުދާން ވަރުދައްކާލުމުން އޭނާ ހީލާފަ ބުނެލަނީ އެއީ އަންހެން ދަރިޔާ މައިންގެ ގުޅުން ކަމަށެވެ. އަދި ހަމައެކަނި ފިރިހެން ދަރިއެއްގެ މަންމައަކަށް ވުމުން ނުފުދޭ ކަމަށެވެ. ބަލާބަލާށެވެ.

ޒުއްނޫން އޭނާގެ އެއްވެސް ކަމަކާ ނުބެހޭނެ އެވެ. ލޮކޭޝަންތަކުގައި ވެސް އެތާ އުޅޭ މީހުންނާ މާ ގުޅޭނެ އެވެ. އޭނާގެ ފަހަތުން ތާނިޔާ އުޅޭހެނެއް ނޫޅޭނެ އެވެ. ޒުއްނޫނަކީ ގެންގުޅެން އެހާ ފަސޭހަ ކުއްޖެކެވެ.

ހީނާގެ ދެ ކުދިން ވެސް ބޮޑެތިވީ އެވެ. ދެ ކުދިން އެ ކުދިންގެ ކުރިމަގަށް ފުރައިގެން ދިޔައީ އެވެ. މިއަދު އޭނާ އެކަނި ވެފައިވަނީ އެހެން ވެގެންނެވެ.
ވަގުތު ހޭދަ ކުރުމަށްޓަކައި އޭނާ ފޮތާއި ގަލަން ނެގި އެވެ. އެ ގަލަމަކީ އޭނާ އެތައް އާޓިކަލެއް އެއިން ލިޔެ ފަވާލި ގަލަމެވެ. މިއަދުވެސް އެގަލަން މިވީ އޭނާގެ އެކުވެރިޔަކަށެވެ. ކުރިމަތީގައިވާ ފޮތްހުޅުވާލުމުން އެފޮތަކީ އޭނާމީގެ އެތަށް ދުވަހެއް ކުރިން ލިޔަން ފެށި ފޮތްކަން އޭނާ ހަނދާންވިއެވެ.
ނޭނގޭ ސަބަބުތަކާ ހެދި އޭނާ ވަނީ އެ ފޮތުގެ ލިޔުން ވަގުތީ ގޮތުން ހުއްޓާލައި ފައެެވެ. އަދި ލިޔުމާއި ފިލްމުގެ ބަދަލުގައި އޭނާ ފެށީ ޓިއުޝަން ކުލާ ހެއްހުޅުވައިގެން ކިޔަވައި ދޭށެވެ.

މިކަމާ އޭނާގެ ގާތް މީހުން ވަރަށް ފާޑު ކިޔާހެދިއެވެ. އެމީހުން ދެކޭގޮތުގަ އޭނާގެ ދުނިޔެއަކީ ފިލްމީ ދުނިޔެ އެވެ. ފިލްމެއްގެ ލީޑްރޯލުން އޭނާ ފެންނަން ނެތިއްޔާ އެ ފިލްމެއް ގިނަ މީހުންނަށް ކަމަކު ނުދެ އެވެ.
އޭނާ އަށް ވަނީ ރާއްޖޭގެ އެންމެ މޮޅު ފިލްމީ ބަތޮލާގެ އެވޯޑު ދެ ފަހަރަށް ލިބިފަ އެވެ. އަދި ސައިޑް ރޯލުން ވެސް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައި ހުރިހާ މީހުންގެ ހިތް އަތުލައިފަ އެވެ. (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.