Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ހުޅުމީދޫ އާ ބަނދަރުގެ މަސައްކަތް އަލުން ފަށަނީ

ހުޅުމީދޫ އާ ބަނދަރު ހަދާ ސަރަހައްދު: ބަނދަރުގެ މަސައްކަތް މި އަހަރު ނިންމާނެ. ފޮޓޯ/ އައްޑޫ ލައިވް

ސ. ހުޅުމީދޫގައި 2011 ވަނަ އަހަރުގެ ތެރޭގައި ހަދަން ފެށި އާ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ހުޅުދު އާއި މީދޫގައި ކުރިން ވަކިވަކިން ހަދާފައިވާ ދެ ބަނދަރުގެ ބަދަލުގައި ދެ ރަށުގެ މެދަށްވާ ގޮތަށް އަަލަށް ހަދާ ބަނދަރުގެ މަސައްކަތް މީގެ ކުރިން ހުއްޓިފައި ވަނީ މިހާރުގެ ސަރުކާރުން ބަޖެޓް ނެތް ކަމަށް ބުނެ މިދިޔަ އަހަރުގެ ކުރީކޮޅު ބަނދަރުގެ މަސައްކަތް މެދުކަނޑާލުމުންނެވެ. މި ބަނދަރަށް ހަރަދު ވާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 3،291،830ރ. އެވެ.

އެހެން ނަމަވެސް މި އަހަރު ބަނދަރު ހެދުމަށް ބަޖެޓްގައި ހިމަނާފައިވެ އެވެ. މި ބަނދަރަކީ އެންމެ ފުރަތަމަ 2011 ގެ ނޮވެމްބަރު މަހު އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް ކުރީގެ ސަރުކާރުން ޓާގެޓް ކުރި ބަނދަރެކެވެ. ބަނދަރުގެ މަސައްކަތް އޭރުކޮށްފައި ވަނީ ވޯކްސް ކޯޕަރޭޝަންގެ ދަށުން ލަންކާގެ ސެނަކް ކުންފުނިންނެވެ.

ބަނދަރުގެ މަސައްކަތް އަލުން ކުރިއަށް ގެންދާ އިރު ބަނދަރުގެ ތޮށިގަނޑު ހެދުމަށް ބޭނުންވާ ބޮޑު ހިލަ ހުޅުމީދު އަށް ގެންދިއުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފިއެވެ.

ދިގު މިނުގައި 1،200 ފޫޓް އަދި ފުޅާ މިނުގައި 250 ފޫޓްގެ ހުންނަ މި ބަނދަރުގައި ޖެހުމަށް ބޭނުންވާ ކީވޯލް ވެސް މިހާރު ހުޅުމީދުއަށް ގެނައުމުގެ މަސައްކަތްވަނީ ފަށާފައެވެ. ސެނަކް ކުންފުންނިން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބަނދަރު ކޮނުމުގެ ބޮޑު ބައެެއް މިހާރު ވަނީ ނިމިފައި ކަމަށް ހުުޅުމީދޫ އަވަށު ބޯޑުން ބުންޏެވެ.