އަފްގާނިސްތާނުގެ ހެރާޓް ސިޓީގައި ހުރި މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 18 މީހުން މަރުވެއްޖެ އެވެ.
މި ހަމަލާދީފައިވަނީ އާންމުކޮށް ތާލިބާނުންނަށް ތާއީދުކުރާ ފަރާރްތަކުން ގޮސް އުޅޭ މިސްކިތަކަށް ކަމަށްވާއިރު ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ތާލިބާނުންނާއި ގާތް ގުޅުމެއް ބާއްވަމުންދިޔަ އިސް ފަރާތެއް ވެސް ހިމެނެ އެވެ. މި ހަމަލާގައި 18 މީހުން މަރުވެފައިވާއިރު 20 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފަ އެވެ.
މި ހަމަލާދީފައިވަނީ ހުކުރު ނަމާދަށް މިސްކިތަށް މީހުން ޖަމާވެފައިވާ ވަގުތެއްގަ އެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފެއް ނުވެ އެވެ. މީގެކުރިން އަފްގާންގެ މިސްކިތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދީފައިވަނީ އަފްގާނުގައި ހަރަކާތްތެރިވާ އިސްލާމި ސްޓޭޓް ހޮރަސާން (އައިއެސް-ކޭ) އިންނެވެ. އައިއެސް-ކޭ އަކީ އަފްގާނިސްތާނުގެ އައިއެސް ގްރޫޕަށް ހާއްސަ ނަމެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބި ފަހުން އެގައުމުގައި މިފަދަ ބޮމުގެ ހަމަލާތައް ދެމުންދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ.