Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

ގޮޓަބަޔާ ލަންކާ އަށް ވަޑައިގެންފި

ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގޮޓަބަޔާ މިރޭގެ ވަގުތެއްގައި ލަންކާ އަށް ވަޑައިގެންނެވީ ސިންގަޕޫރް އެއާލައިންސްގެ ފްލައިޓަކުންނެވެ. ގޮޓަބަޔާ ލަންކާ އަށް ވަޑައިގެންނެވިއިރު އެއާޕޯޓްގެ ސެކިއުރިޓީ އޮތީ ވަރަށް ވަރުގަދަކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ގޮޓަބަޔާ އަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ލަންކާގެ ބައެއް ވަޒީރުންނެވެ.

ގޮޓަބަޔާ ލަންކާ އިން ފިއްލެވީ ޖުލައި މަހުގެ 13 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވަން ހަމަޖެހިފައި ވަނިކޮށެވެ. އެ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އޭނާ އެންމެ ފުރަތަމަ ވަޑައިގެންނެވީ އަސްކަރީ ޖެޓެއްގައި ރާއްޖެއަށެވެ. އެއީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑަކާ އެކީގަ އެވެ.

އޭގެ ފަހުން ސިންގަޕޫރަށް ޖުލައި 14 ގައި ވަޑައިގެން އިސްތިއުފާ ވެސް ދެއްވީ އެ ދުވަހު އެ ގައުމުގައި ހުންނަވަ އެވެ. އަދި މިދިޔަ މަހުގެ 11 ވަނަ ދުވަހު ގޮޓަބަޔާ ވަނީ ތައިލޭންޑަށް ވަޑައިގެންފަ އެވެ.

ގޮޓަބަޔާ އެނބުރި ލަންކާ އަށް ވަޑައިގެންފައިވާއިރު ލަންކާ ރައްޔިތުންގެ ނުރުހުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެގޮތުން ވެރިކަމުގައި ހުންނެވިއިރު ހިންގެވި ކޮރަޕްޝަންގެ އަމަލުތަކަށް އޭނާގެ މައްޗަށް ދައުވާކޮށް، އަދަބު ދޭން ގިނަ ބަޔަކު ވަނީ ގޮވާލާފަ އެވެ.

މިހާރު ލަންކާގެ ރައީސަކަށް ހުންނެވީ ގޮޓަބަޔާގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އަދި އޭނަގެ ސަރުކާރުން މެއި މަހު ބޮޑުވަޒީރު ކަމަށް އައްޔަންކުރި ރަނިލް ވިކްރަމަސިންހަ އެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ ޖުލައި 20 ގަ އެވެ.