މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކޮންގްރެސް މި މަހު ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީން ބުނި ގޮތުގައި ކޮންގްރެސް ބާއްވާނީ މި މަހުގެ 23 އާއި 24 ގައި ތާޖުއްދީން ސްކޫލްގަ އެވެ.
އެމްއެންފީ އަކީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް އިސްކޮށް ތިއްބަވައިގެން މިދިޔަ އަހަރު އުފެއްދެވި ޕާޓީއެކެވެ. އެ ދެ ބޭފުޅުންނަކީ މަޖިލިސް މެމްބަރުން ވެސް މެ އެވެ. ނާޒިމަކީ ދަނގެތީ ދާއިރާގެ މެމްބަރެވެ. ރިޔާޒަކީ ތިމަރަފުށީ ދާއިރާގެ މެމްބަރެވެ.
އެމްއެންޕީގެ ފުރަތަމަ ޤައުމީ ޖަލްސާގެ ލޯގޯ
"The Nationals Convention 2022"#TheNationals🇲🇻 pic.twitter.com/dytPJLHRUY— Maldives National Party (@MNP_Secretariat) September 1, 2022
އެމްއެންޕީގެ ކޮންގްރެސް ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ނާޒިމް ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވަން ނިންމަވައިފަ އެވެ.
ޕާޓީގެ ފުރަތަމަ ކޮންގްރެސްއާ ބެހޭ ގޮތުން އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ކޮންގްރެސްގައި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މެންބަރުންގެ އިތުރުން، ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ރާއްޖޭގެ އެކި ހިސާބުތަކުން ދާއިރާތަކުގެ ރައީސުންނާއި ނައިބް ރައީސުންނާއި ގޮފިތަކުގެ ރައީސުން ވެސް ބައިވެރިވާނެ ކަމަށެވެ. އަދި އެމްއެންޕީ އަށް ނިސްބަތްވާ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުން ވެސް ބައިވެރިވާނެ އެވެ.
އެމްއެންޕީން ބުނި ގޮތުގައި ކޮންގްރެސްގައި ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައެޅުމާއި ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކުރުމާއި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމާއި އެ ގަވާއިދުގެ ދަށުން އިންތިހާބުކުރަން ޖެހޭ މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެ އެވެ.