އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ކެންޑިޑޭޓަކު ނެރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވީޓީވީގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ކެންޑިޑޭޓަކު ނެރޭ ނަމަ އެކަން ކުރާނީ ޕާޓީގެ ތެރޭގައި މަޝްވަރާ ވެސް ކުރުމަށް ފަހު، ވޯޓަކަށް ވެސް އަހައިގެން ކަމަށެވެ. އެކަމަކު ކެންޑިޑޭޓަކާ ގުޅޭ މަޝްވަރާތަކެއް މި ވަގުތު ކުރިއަށް ނުދާ ކަމަށް މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވީ ކޮންމެ ސީޔާސީ ޕާޓީއެއްގެ ވެސް އެންމެ ބޮޑު އުންމީދަކީ އަދި މަގުސަދަކަށް ވާނީ ވެރިކަމަށް އައުން ކަމަށްވާތީ އެ ފުރުސަތު އެމްއާރްއެމަށް ވެސް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމާ މެދު އެ ޕާޓީން އަދި ގޮތެއް ނުނިންމާ އިރު، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ އެއީ ވެސް އަދި މަޝްވަރާކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.
އެމްއާރްއެމަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވަން މިހާތަނަށް ނިންމެވި ކެންޑިޑޭޓުންނަކީ ރައީސް ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރުމާ މެދު ރަސްމީކޮށް އަދި ގޮތެއް ނުނިންމަ އެވެ.