Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

އިންގިލާބީ ވެރިކަމެއް ކުރެއްވީ ޔާމީން

ރާއްޖެ އަށް ކުރިއެރުމާއި ތަރައްގީ އެންމެ ބޮޑަށް ހޯދައިދިން ވެރިކަމެއް މިހާތަނަށް ރާއްޖޭގައި ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރެއްވި މަލީހު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ދިވެހި ތާރީހު ދުށް އެންމެ އިންގިލާބީ ވެރިކަން ކުރެއްވި ރައީސަކީ ޔާމީން ކަމަށެވެ.

"…މިހާތަނަށް ރާއްޖޭގެ ވެރިޔަކު އެއްފަހަރާ ޖަލުގައި ނުބާއްވާހާ ގިނަ ދުވަހު ޖަލުގައި ބާއްވައި ދިން ލާއިންސާނީ އަނިޔާގެ ފުރިހަމަ ޒިންމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނަންގަވަން [ވެސް] ޖެހޭ." އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ދެން އޮތީ ރައީސް ޔާމީންގެ ދެވަނަ ދައުރު ފެށެން އަހަރެއްހާ ދުވަސް ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ އެމްޑީޕީން ކަނޑު ފައްތާލާފައިވާތީ، ހައްލަކީ އެމްޑީޕީ ބަލިކުރުން ކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ޔާމީނަށް ޕްރައިމަރީއަކާ ނުލައި ދީފައި ވަނީ މި މިދިޔަ މަހުގެ 19 ގަ އެވެ.