Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

ލިވަޕޫލާއި އެވަޓަން އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އެވަޓަން ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާއެކު ކުޅުނު ހަ މެޗުން ލިބުނު 9 ޕޮއިންޓާ އެކު އެވަޓަން އޮތީ ލީގުގެ ފަސްވަނައިގަ އެވެ. އެވަޓަން އޮތީ ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގަ އެވެ. އެވަޓަން އަށް އަދި ލީގުގައި މޮޅެއް ހޯދިފައެއް ނުވެ އެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބިފައިވެ އެވެ. އެގޮތުން ފުރަތަމަ ހާފްގައި އެވަޓަންގެ ޓޮމް ޑޭވިސް ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ލިވަޕޫލްގެ ޑާވިން ނުނޭޒް އަދި ލުއިސް ޑިއާޒް ފޮނުވާލި ހަމަލާއެއް ވަނީ އެވަޓަންގެ ގޯލުގެ ދަނޑި އަށް އަމާޒުވެފަ އެވެ.

މެޗުގެ ދެވަނަ ހާފްގައި ލީޑު ނަގަން އެވަޓަންގެ ފޯވާޑް ނީލް މައުޕޭ އަށް ހުސް ފުރުސަތެއް ލިބިފައިވެ އެވެ. ނަމަވެސް ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި އެ ހަމަލާ ދިފާއުކުރީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ކީޕަރު އެލިސަން އެވެ. އެލިސަން ވަނީ އޭގެފަހުން އެވަޓަންގެ މެކްނީލް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ދިފާއުކޮށްފަަ އެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއެއް ވެސް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ފަހުން ޑިއޯގޯ ޖޯޓާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ވުލްވްސްއާ އެވެ. އެވަޓަން ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.