ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި އެސްޓަންވިލާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާއެކު ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާ އެކު ސިޓީ އޮތީ ލީގުގެ ދެވަނައިގަ އެވެ. އެސްޓަންވިލާ އޮތީ ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ. މިރޭގެ މެޗުގެ ކުރިން ކުޅުނު ތިން މެޗުން ވެސް އެސްޓަންވިލާ ވަނީ ބަލިވެފަ އެވެ. އަދި މިއީ މި ސީޒަނުގައި ސިޓީ އެއްވަރުވި ދެވަނަ މެޗެވެ. މީގެކުރިން އެޓީމު އެއްވަރުވީ ނިއުކާސަލް ޔުނައިޓެޑާ ބައްދަލުކޮށެވެ.
އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު ގޯލެއް ކާމިޔާބުކުރަން ދެ ޓީމަށް ވެސް މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ސިޓީގެ އާލިން ހާލަންޑް ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މެޗުގެ 50 ވަނަ މިނެޓްގައި ހާލަންޑް މި ގޯލް ކާމިޔާބުކުރީ ކެވިން ޑި ބްރޭނާ ނަގައިދިން ހުރަހަކުން މުޅިން ހުހަށް ހުރެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ޑި ބްރޭނާ އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެ އެވެ. އެގޮތުން އޭނާ ފޮނުވާލި ހިލޭޖެހުމެއް އެސްޓަންވިލާގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ދެން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އަދި ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ލީޑު ފުޅާކޮށްލަން ސިޓީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 74 ވަނަ މިނެޓްގައި އެސްޓަންވިލާ އިން ނަތީޖާ އެއްވަރުކުރުމެވެ. ޖެކޮބް ރަމްސީ ދިން ޕާހަކުން ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އެއްފަހަރުން ފޮނުވާލި ހަމަލާއަކުން އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ލިޔޯން ބެއިލީ އެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ތިންވަނައިގައި އޮތް ޓޮޓެންހަމް އިން ވަނީ 2-1 އިން ފުލަމް ބަލިކޮށްފަ އެވެ. އަދި ހަތަރުވަނައިގައި އޮތް ޗެލްސީން ފަހު ވަގުތު 2-1 އިން ވެސްޓްހަމް ބަލިކުރިއިރު ބްރެންޓްފޯޑުން ވަނީ 5-2 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި ފަހަތުން އަރައި ބޯންމަތް އިން 3-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރިއިރު ވުލްވްސް އިން ވަނީ 1-0 އިން ސައުތްހެމްޓަން ބަލިކޮށްފަ އެވެ.