Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

"އިންޑިއާ އައުޓް" އޮތީ މަޑުޖައްސާފައި: ޔާމީން

ޕީޕީއެމާއި ޕީއެންސީން ފެށި "އިންޑިއާ އައުޓް" ކެމްޕޭން މިހާރު އޮތީ މަޑުޖައްސާލާފައިވާ ކަމަށް އެ ކެމްޕޭންގައި އެންމެ އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ކެމްޕޭން މަޑުޖައްސާލީ އެކަމާ ދެކޮޅަށް ރައީސް ނެރުއްވި ގަރާރާ ވެސް ގުޅިގެން ކަމަށެވެ. ނަމަވެސް "އިންޑިއާ އައުޓް" ކެމްޕޭން މަޑުޖެއްސާ؛ލުމުގައި އެހެން ވަކި ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް ވިޔަސް އެއީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް އޮތް ކަމަށް ވަންޏާ ފުލުހުން ތަންފީޒު ކުރާނެ،" އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގަިއ ވެސް ވާދަކުރައްވަން ނިންމަވާފައިވާ ޔާމީން ވިދާޅުވި އެވެ. "އެހެންވެ ރައްޔިތުން މުޒާހަރާއެއް ކުރިޔަސް ރައްޔިތުން އަޑުއުފުލަން ނުކުތީމަ ވެސް ފުލުހުން ރައްޔިތުންނާ މެދު ކަންތައް ކުރާ ގޮތް ކޮންމެ މުޒާހަރާއަކުން ފެނިގެންދޭ."

މި ކެމްޕޭނަކީ ރާއްޖޭގައި އިންޑިއާގެ ސިފައިންގެ ބަޔަކު އެއްވެސް ހައިސިއްޔަތަކަށް ތިބުމާ ދެކޮޅަށް މިދިޔަ އަހަރުގެ ތެރޭގައި ފެށި ކެމްޕޭނެކެވެ. "އިންޑިއާ އައުޓް" ކެމްޕޭން ފެށީ ޔާމީން ޖަލުގައި އޮންނަވަނިކޮށް ކަމަށް ވިޔަސް، އޭނާ މިނިވަންވުމާ އެކު ކެމްޕޭންގައި އެންމެ އިސްކޮށް ހުންނެވީ ޔާމީނެވެ.

އެގޮތުން މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކަށް ވަޑައިގެން ވެސް ޔާމީން "އިންޑިއާ އައުޓް" ކެމްޕޭން ވަރަށް ފޯރީގައި ކުރެއްވި އެވެ. އަދި އެ ކެމްޕޭނުގެ ތެރެއިން "އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑެތި ބެނާތަކެއް ވެސް މާލެ ތެރޭގައި ދެމި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ބެނާ ވެސް ދެމީ ޔާމީންގެ ގޭގެ އެވެ.

"އިންޑިއާ އައުޓް" ކެމްޕަނީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް ގަރާރެއް ނެރެއްވީ އެޕްރީލް މަހުގެ 21 ގަ އެވެ. އަދި އެ ގަރާރު ބާތިލުކޮށްދޭން ޕީޕީއެމުން އެ މަހުގެ 27 ގައި ސިވިލް ކޯޓަށް ހުށަހެޅި އެވެ. އަދި ކޯޓުން އެ މައްސަލަ ބޭރުކުރީ ޖޫން މަހުގެ ފަހުކޮޅު އެވެ.