Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ޑްރަގަށް ރިހިބިލިޓޭޓްކޮށް ނެރެވުމަކީ އުސް ފިޔަވަޅެއް

މަސްތުވާތަކެތި ބޭނުންކުރި ބަޔަކު ޖަލުގައި ރިހިބިލިޓޭޓްކޮށް އަލުން އެ މީހުން މުޖުތައުމަށް ނެރެވުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެޅުނު އުސް ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތަލެއްގައި ޖަލަށްލި ބަޔަކު ރިހިބިލިޓޭޓްކޮށް އޭގެ ތެރެއިން 32 މީހަކު ހުކުރު ދުވަހު ދޫކޮށްލުމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޖަލުގައި ރިހިބިލިޓޭޓް ޕްރޮގްރާމް ފުރިހަމަކޮށް ބަޔަކު މުޖުތަމަށް ނެރުނު ފުރަތަމަ ފަހަރު ކަމަށެވެ.

"ޕްރޮގްރާމް ފުރިހަމަކުރި ގައިދީން ކޮމިއުނިޓީ އަށް އިންޓަގްރޭޓްކުރުމަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމުގެ މަގުގައި އެޅުނު އުސް ފިޔަވަޅެއް." އިމްރާން ވިދާޅުވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޫކުރި 32 މީހުންނަކީ އަހަރު ދުވަހުގެ މުއްދަތަށް ޝަރުތުތަކެއް ކުރެވި، މޮނިޓަ ވެސް ކުރެވޭ ދޫކޮށްލި ބައެއް ކަމަށެވެ.

މަސްތުވާތަކެއްޗަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެ މައްސަލަ އެވެ. ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ މަސްތުވާތަކެތި ބޭނުންކުރުމާއި އެ ޓްރެފިކްކުރުން ވަރަށް ބޮޑަށް އާންމުވެފައިވެ އެވެ. އެގޮތުން އުމުރުން އެންމެ 8 އަހަރުގެ ކުދިން ފެށިގެން ގޮސް އުމުރުން ދުވަސްވީ މީހުން ވެސް މި ވަބާގައި ޖެހިފައިވެ އެވެ.

ރާއްޖޭގައި ހިނގާ ބޮޑެތި ކުށްތަކުގެ އަސްލަކީ ވެސް މަސްތުވާތަކެއްޗެވެ. އެހެންވެ މިފަދަ މީހުންނާ ހެދި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ނުތަނަވަސްކަމާއި ކަންބޮޑުވުން ފެތުރިފައިވެ އެވެ.