ހިތަދޫ އުތުރު ދާއިރާ އިން އެމްޑީޕީ ޓިކެޓްގައި ހޮވިވަޑައިގަތް އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު އަސްލަމް ޕާޓީ ބަދަލު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި އެވެ.
މިއަދު "އައްޑޫ ލައިވް" އަށް އަސްލަމް ވިދާޅުވީ އޭނާ ޕާޓީ ބަދަލު ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، މަޖްލިސްގެ ތެރެއިން އައްޑު އަށް ތަރައްޤީ ގެނެވެން ހުރި ދާއިރާތަކުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ ސޯޝަލް މީޑިއާގައި އެ މީހަކު ބޭނުން ކޮންމެ ވާހަކައެއް ދެއްކި ދާނެކަމަށާއި، އޭނާ ޕާޓީ ބަދަލު ކުރަން އުޅޭކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތެކެއް ކަމަށެވެ.
"ސޯޝަލް މީޑިއާގައި ކޮންމެ މީހަކަށް ކޮންމެ ވާހަކައެއް ވެސް ލިޔެވިދާނެ. އެކަމަކު އަޅުގަނޑު ޕާޓީ ބަދަލު ކުރާކަށް ނުވިސްނަން." އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މިހާރުގެ ސަރުކާރަށް ކަންކަން ކުރުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ނުހިފޭނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިހުންނާނެ ކަމަށެވެ.
ހިތަދޫ ދެކުނު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި އަލީ އިބްރާހިމް 1،267 ވޯޓުން ބަލި ކުރައްވައި ތިން ވަނަ ދައުރަކަށް މަޖްލިސް ކަށަވަރު ކުރައްވާފައިވާ އަސްލަމް އާއި ތުޅާދޫ ދާއިރާ އިން އެމްޑީޕީ ޓިކެޓް ކާމިޔާބް ކުރެއްވި ނާޒިމް ރަޝާދު އާއި ހެންވޭރު ދެކުނު ދާއިރާ އިން އަލަށް އިންތިހާބްވި ރުކުމާ މުހައްމަދު އަބްދުލް ކަރީމް ޕީޕީއެމް އާ ގުޅެން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަސްލަމް ވަނީ މިއަދު އެމްޑީޕީން ބޭއްވި ގައުމީ މަޖްލިސްގައި ބައިވެރިވެޑައިގެންފައެވެ.