Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

ލަންކާގައި މުވާސަލާތާއި ކޭބަލް ޓީވީގެ އަގުބޮޑުކޮށްފި

ސްރީ ލަންކާގައި މުވާސަލަތީ ހިދުމަތްތަކާއި ކޭބަލް ޓީވީގެ ހިދުމަތްތަކުގެ އަގު މާދަމާ އިން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.

ލަންކާގެ ޓެލެކޮމިއުނިކޭޝަން އޮތީރިޓީ ކޮމިޝަން (ޓީއާރްސީއެސްއެލް) އިން ބުނީ މާދަމާ އިން ފެށިގެން މޮބައިލް ފޯނާއި ލޭންޑް ލައިނާއި އިންޓަނެޓްގެ އިތުރުން ކޭބަލް ޓީވީގެ ހިދުމަތުގެ އަގު ވެސް ބޮޑުވާނެ ކަމަށެވެ. އެގޮތުން މޮބައިލް ފޯނާއި ލޭންޑް ލައިންގެ ހިދުމަތްތަކުގެ އަގު 20 ޕަސެންޓަށް ބޮޑުވާ އިރު، އިންޓަނެޓްގެ ހިދުމަތަށް 25 ޕަސެންޓްގެ ބޮޑުވުމެއް އަންނާނެ އެވެ.

މީގެ އިތުރުން ކޭބަލް ޓީވީގެ ހިދުމަތަށް މިހާރު ނަގަމުން އަންނަ އަގު މާދަމާ އިން ފެށިގެން 12-15 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ބޮޑުވާނެ އެވެ.

ލަންކާ އިން މި މަހުގެ 1 އިން ފެށިގެން ވަނީ ފެނާއި ނަރުމަދާ ހިދުމަތުގެ އަގު ވެސް ބޮޑުކޮށްފަ އެވެ.

ބާވީސް މިލިއަން މީހުންގެ އާބާދީ އޮތް ލަންކާ މި އަހަރުގެ ކުރީކޮޅުން ފެށިގެން އިގުސާދީ އަދި މާލީ ބޮޑު ތަދުމަޑުކަމެއްގެ ތެރޭގައި އޮތް އިރު، ހިދުމަތްތަކާއި އަސާސީ އެތައް ބާވަތެއްގެ އަގު ބޮޑުވެ، ރައްޔިތުންނަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.