Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

މަގުމަތިން ޤާނޫނު ތަންފީޒުކުރުމަކީ ދީނީ ގޮތުން މަނާކަމެއް: ޝަމީމް

ޕީޖީ ހުސައިން ޝަމީމް--

އެމީހަކަށް އިންސާފުކަމަށް ޤަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި، ޤާނޫނީ ގޮތުންނާއި ދީނީ ގޮތުން ބޮޑުވެގެންވާ މަނާކަމެއްކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވެފައިވަނީ "އިސްލާމީ ޝަރީޢަތުގައި، މަގުމަތިން ޤާނޫނު ތަންފީޒުކުރުން ހުއްދައެއް ނޫން" މި ސުރުހީގެ ދަށުން އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައެވެ.

މި ލިޔުއްވުން ފައްޓަވަމުން ޝަމީމް ވިދާޅުވެފައިވަނީ، "އިންޞާފު ޤާއިމުކުރުމުގެ ޒިންމާއަކީ، ދައުލަތުން، ޤާނޫނު ތަންފީޒުކުރާ މީހުންނާ މަތިކޮށްފައިވާ ޒިންމާއެކެވެ. އެމީހަކަށް އިންޞާފުކަމަށް ޤަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި، ޤާނޫނީ ގޮތުންނާއި ދީނީ ގޮތުން ބޮޑުވެގެންވާ މަނާކަމެކެވެ." މިގޮތަށެވެ.

ރާއްޖޭގެ ޤާނޫނީ ނިޒާމު ބިނާވެފައި އޮތީ އިސްލާމީ އުސޫލުތަކާ އެއްގޮތަކަށް ފާހަގަކޮށް ޝަމީމް ވިދާޅުވީ ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީންކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ދީނާ ހިލާފު އެއްވެސް ގާނޫނެއް ނެހެދޭނެ ކަމަށްވެސް ބަޔާން ކޮށްފައިވާކަމަށާއި، އެފަދަ ގާނޫނެއް މަޖިލީހުން ފާސްކޮށްފިނަމަ އެ ގާނޫނެއް ބާތިލު ކުރުމަށް އަމަލު ކުރަންޖެހޭގޮތްވެސް ޤާނޫނުގައި ބަޔާންވެފައިވާކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. އަދި އެޤާނޫނަކީ އިސްލާމްދީނާ ޚިލާފު ޤާނޫނެއްކަމަށް ކޯޓަކުން ކަނޑަނާޅާހާ ހިނދަކު، ރައްޔިތުންނަށް އޮތީ ޤާނޫނުގައިވާ ގޮތުގެ މަތިން އުޅުން ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ.

"ޤާނޫނު ތަންފީޒުކުރާ މީހާ ތަންފީޒުކުރަންޖެހެނީ، ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ޤާނޫނަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތް ޤާނޫނެއްކަމަށް ބަލައިގެންނެވެ. ޤާނޫނު ތަންފީޒުކުރަންޖެހޭ ހަމަ ކޮންމެ ފަހަރަކު، އެ ޤާނޫނަކީ ރަނގަޅު ޤާނޫނެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު ރަނގަޅު ނޫންނަމަ، ކޯޓުން އެކަމަށް ގޮތެއް ނިންމާނެއެވެ." ޕީޖީ ޝަމީމް ލިޔުއްވާފައިވެއެވެ.

އިސްލާމީ ޖިނާއީ އަދުލުގެ ނިޒާމުގައި ވަކި ހަމަތަކެއް ބަޔާން ކޮށްފައިވާކަން ފާހަގަކޮށް ޝަމީމް ވިދާޅުވެފައިވަނީ އިސްލާމްދީނުގެ ހަމައަކީ ހަމައެކަނި ނަތީޖާއެއް ހާސިލުކުރުން ނޫން ކަމަށާއި، ނަތީޖާއަށް ވާސިލުވި ގޮތަކީވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މިކަން އިތުރަސް ތަފްސީލު ކޮށްދެއްވާ އިސްލާމީ ތާރީހުންނާއި ކީރިތި ޤުރުއާނުން ބައެއް މިސާލުތައް ޝަމީިމް ދައްކަވާފައިވެއެވެ. އަދި ވިދާޅުވެފައިވަނީ މީހަކު ކުރާކަމަށް ތިމާއަށް ޤަބޫލުކުރެވޭ، ނުވަތަ މީހަކު ތުހުމަތުކުރާ ކަމެއްގެ ސަބަބުން، އެމީހަކު ދެކެ ތިމާ އަންނަ ރުޅިއަކީ، ނުވަތަ ކުރާ ނަފްރަތަކީ، ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތަކުން ބޭރުން މީހުންނާމެދު ޢަމަލުކުރުން ދީނީ ގޮތުންވެސް، ޤާނޫނީ ގޮތުންވެސް ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

މި ލިޔުމުގައި ޝަމީމް ވިދާޅުވެފައިވަނީ ކުށްކުރާ މީހުންނާމެދު އަމަލުކުރާނެ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި، މިނިޒާމު ރަނގަޅު ނޫންނަމަ، ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ބަދަލު ގެންނަންވީ ކަމަށެވެ.

"މަގުމަތިން، މިމައްސަލަ ޙައްލުކުރުމަކީ ހުއްދަކުރެވިގެންވާނެ ކަމެއް ނޫނެވެ. އެއީ، އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ." ޝަމީމް ލިޔުއްވާފައިވެއެވެ.

މި މައުޟޫގައި ޝަމީމް އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާއިރު، ފަހަކަށްއައިސް ކުށްތަކަށް އަރައިގަންނަކަމަށް ތުހުމަތު ކުރެވޭ މީހުން، ފުލުހުންނަށް ހަވާލުކުރުމުގެ ކުރިން އަނިޔާކޮށް މާރާމާރި ހިންގުމުގެ މައްސަލަ ވަނީ އިތުރުވެފައެވެ.