އައްޑު އާއި މާލެއާ ދެމެދު ދަތުރުކުރާ "ސައުތު ލައިން" ބޯޓް ގަވައިދާ ހިލާފަށް މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ބޯޓް ހިފަހައްޓައިފި އެވެ.
މެރިން ފުލުހުން މިއަދު ބުނީ ބޯޓަށް މުދާ ބަރުކުރަން ޖެހޭ މިންވަރަށް ވުރެ އިތުރަށް މުދާ ބަރުކޮށްގެން މާލޭން އައްޑު އަށް ދަތުރުކުރަނިކޮށް ހުއްޓުވައި އަލުން ވަނީ މާލެ ބަނދަރަށް ވައްދާފައިވާ ކަމަށެވެ. އަދި ގަވައިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ އަލުން ނުފުރޭކަން ވެސް "ސައުތު ލައިން" ބޯޓަށް އަންގާފައިވާ ކަމަށް މެރިން ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދުވަސްތަރަކީ މޫސުން ގޯސްވެ ވަޔާއި ކަނޑު ވެސް ގަދަ ދުވަސްވަރަކަށްވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ހިތަދޫ "އާގަލާ" ބޯޓް ވެސް ގަވައިދާ ހިލާފަށް މުދާ ބަރުކޮށްގެން ދަތުރުކުރަނިކޮށް ހިފަހެއްޓި އެވެ.