Last Updated: July 17, 18:07
Saturday, July 18, 2026
ކުޅިވަރު

ޔުނައިޓެޑުން އާސެނަލަށް ފެންވަރު ދައްކާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އާސެނަލްގެ މައްޗަށް 3-1 އިން މެންޗެސްޓާ ޔުނައިޓެޑުން ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ ފަސްވަނައިގަ އެވެ. އާސެނަލް އޮތީ ހަ މެޗުން ލިބުނު 15 ޕޮއިންޓާ އެކު އަދިވެސް ލީގުގެ އެއްވަނައިގަ އެވެ. މި މެޗަކީ ލީގުގައި އާސެނަލް ބަލިވި ފުރަތަމަ މެޗު ކަމަށްވާއިރު، މިއީ ޔުނައިޓެޑުން ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ.

މިރޭގެ މެޗަށް ޔުނައިޓެޑުން ނެރުނު ފުރަތަމަ އެގާރައިން މިދިޔަ ޓްރާންސްފާ މާކެޓުގައި 82 މިލިއަން ޕައުންޑަށް އަޔެކްސް އިން ގެނައި ބްރެޒިލްގެ ފޯވާޑް އެންތޮނީ އަށް ފުރުސަތު ދީފައިވާއިރު އަނިޔާގެ ސަބަބުން މި މެޗުގައި އާސެނަލްގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ ކުޅެފައެއް ނުވެ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ޔުނައިޓެޑުންނެވެ. އެގޮތުން މާކަސް ރަޝްފޯޑް ދިން ޕާހަކުން މެޗުގެ 35 ވަނަ މިނެޓްގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެންތޮނީ އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މި ގޯލަށްފަހު އާސެނަލް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓްގައި ބުކާޔޯ ސަކާ ވަނީ އާސެނަލް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނަމަވެސް އޭގެ ހަ މިނެޓްފަހުން ޔުނައިޓެޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި ރަޝްފޯޑް ވަނީ ޔުނައިޓެޑަށް އަލުން ލީޑު ނަގާދީފަ އެވެ.

ނަތީޖާ އެއްވަރުކުރަން މާ ގިނަ ފުރުސަތުތަކެއް އާސެނަލް އަށް ލިބިފައި ނުވާއިރު މެޗުގެ 71 ވަނަ މިނެޓްގައި ގެބްރިއަލް ޖީސެސްގެ ނުރައްކާތެރި ހަމަލާއެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޖީސެސް ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނެގި ފަހުން އާސެނަލް އަށް ކުރީގައި ބޯޅަ ހިފެހެއްޓުމުގައި އުނދަގޫތަކެއް ކުރިމަތިވިއިރު މެޗުގެ 75 ވަނަ މިނެޓްގައި ރަޝްފޯޑް ވަނީ ޔުނައިޓެޑްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. ރަޝްފޯޑް މި ގޯލް ކާމިޔާބުކުރީ ޔުނައިޓެޑުން އުފެއްދި އިތުރު ކައުންޓަ އެޓޭކެއްގައި ކްރިސްޓިއަން އެރިކްސަން ހުސްކޮށްލާފައި ދިން ޕާހަކުންނެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ލެސްޓަ ސިޓީއާ އެވެ. އާސެނަލް ދެން ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.