Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

ގޮޓަބަޔާ ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ

އިސްތިއުފާ ދެއްވަން އޮތް ދުވަހު ފިއްލެވި ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ މިދިޔަ ހުކުރު ދުވަހު އަލުން ގައުމަށް ވަަޑައިގެންފައި ވަނިކޮށް އޭނާ އަންނަ ހަފުތާގެ ތެރޭގައި ސުޕްރީމް ކޯޓަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ މަތީ ކޯޓަށް ގޮޓަބާ ހާޒިރުުރަން ނިންމާފައި ވަނީ މީގެ 12 އަހަރު ކުރިން އޭނަ ޑިފެންސް މިނިސްޓްރީގެ އިސް މަގާމެއް އަދާކުރެއްވި ދުވަސްވަރު ލަންކާގެ ޒުވާން ދެ އެކްޓިވިސްޓަކު ގެއްލުވާލި ކަމަށް ބުނާ މައްސަލައެއްގަ އެވެ. ގޮޓަބަޔާ މިދިޔަ ޖުލައި މަހުގެ ތެރޭގައި ލަންކާ އިން ފިއްލެވި އިރު، ވެސް އެ މައްސަލާގައި އޭނާ ކޯޓަށް ހާޒިރުކުރާ ގޮތަށް ހަމަޖެހިފައި އޮތެވެ.

ގެއްލުވާލި އެކްޓިވިސްޓުންގެ އާއިލާގެ ވަކީލު ނުވާން ބޮޕޭގާ ވިދާޅުވީ އިންސާފު ހޯދަން ދެ ޒުވާނުންގެ އާއިލާ އިން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އެ މައްސަލާގައި ގޮޓަބަޔާ އަކީ ޒިންމާ ނަންގަވަނން ޖެހިވަޑައިގަންނަވާ އަދި އެކަމަށް ޖަވާބުދާރީ ވެސް ވާން ޖެހިވަޑައިގަންނަވަން ޖެހޭ ބޭފުޅެއް ކަމަށެވެ.

އޭނާ އަންނަ ހަފުތާގައި ސުޕްރީމް ކޯޓަށް ހާޒިރުކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް އަދިއެއް ނެތެވެ. ނަމަވެސް ގޮޓަބަޔާ ހުންނެވީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ސަރުކާރުގެ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަމުގެ ތެރޭގަ އެވެ.

ގޮޓަބަޔާގެ މައްޗަށް މި ވަގުތު ރަސްމީކޮށް އެއްވެސް ދައުވާއެއް އުފުލާފައި ނެތަސް އޭނަ އަކީ "ބޮޑު ވަގެއް" ކަމަށާއި އެތައް ބައެއްގެ ލޭ ވެސް އޮހޮރުވާފައިވާ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. އެހެންވެ ގޮޓަބަޔާ، 73، މައްޗަށް ދައުވާކޮށް، ހައްގު އަދަބު ދޭން ގިނަ ބަޔަކު ގޮވާލަމުން ގޮސްފައިވެ އެވެ.

ލަންކާގެ ރައީސްކަމުގައި މިހާރު ހުންނެވީ ގޮޓަބަޔާގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އަދި އޭނަގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގައި ބޮޑުވަޒީރަކަށް އައްޔަންކުރެއްވި ރަނިލް ވިކްރަމަސިންހަ އެވެ.