Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

ނިރުވާނާ އަށް ކުރި ދައުވާ ކާމިޔާބެއް ނުވި

މީގެ 31 އަހަރު ކުރިން، އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް ނިރުވާނާ އިން ނެރުނު އަލްބަމް "ނެވަމައިންޑް" ގެ ކަވަރުގައި އިން ކުއްޖާ އޭގެ މައްސަލާގައި ބޭންޑަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލުމުން ދެވަނަ ފަހަރަށް ހުށަހަޅައިގެން ވެސް އެ ދައުވާ ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ސެޕްޓެމްބަރު 24، 1991 ގައި ނެރުނު އަލްބަމްގެ ކަވަރުގައި ހިމަނާފައި އިނީ ބަރަހަނާކޮށް އޮތް ކުއްޖަކު ފެންގަނޑެއްގެ ތެރޭގައި ބުޅިއެއްގައި އެލުވާފައި އޮތް އެއް ޑޮލަރުގެ ނޫޓަކާ ދިމާއަށް ދާ ތަނެވެ. އެ ކުއްޖާ އަކީ މިހާރު 30 އަހަރުގެ ސްޕެންސާ އެލްޑެން އެވެ. ކަވަރަށް ފޮޓީ ނެގީ ބޭންޑުން އެލްޑެންގެ މައިންބަފައިންނަށް 200 ޑޮލަރު ދީފަ އެވެ.

ކަވަރުގެ މައްސަލާގައި އޭނާ ބޭންޑަށް ދައުވާކުރީ އެ ފޮޓޯ އަކީ ޖިންސީ ގޮތުން ކުޑަކުއްޖަކު ނަހަމަ ގޮތުގައި ވިޔަފާރީގެ ގޮތުން ބޭނުންކުރި ކަމަށް ބުނެ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ.

ނިރުވާނާ އަށް އެލްޑެންކުރި ދައުވާ ކޯޓުން ފުރަތަމަ ބޭރުކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ. އޭރު ކޯޓުން ބުނީ ދައުވާކުރަން ޖެހޭ ވަރުގެ މައްސަލައެއް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން އެއްވެސް ވަރަށް ފާހަގަވާން ނެތް ކަަމަށެވެ. އޭރު މައްސަލަ ބޭރުކުރީ އަލުން ހުށަހަޅަން ބޭނުންވާ ނަމަ އެ ފުރުސަތު ލިބޭ ގޮތަށެވެ.

އެހެންވެ އެލްޑެންގެ ފަރާތުން ދެވަނަ ފަހަރަށް އަލުން "ނެވަމައިންޑް" އަލްބަމްގެ ކަވަރުގެ މައްސަލަ ހުށަހެޅި އެވެ. މި ހަފުތާގައ ކޯޓުން އަލުން މައްސަލަ ބޭރުކުރީ ދައުވާކުރަން ނިންމީ މާ ލަސްވި ފަހުން ކަމަށާއި އެހެންވެ މިހާރު އެއީ މުނާސަބު ކަމެއް ނޫން ކަމަށް ބުނެ އެވެ.

މިކަމާ ގުޅިގެން އެލްގެންޑެ ގާނޫނީ ޓީމުން ބުނީ މައްސަލަ އަލުން ހުށަހަޅާނެ ފުރުސަތެއް މިހާރު ނެތުމުން ދެން ހުށަހަޅާނީ ކޯޓްގެ ނިންމުން އިސްތިއުފާނުކުރަން ކަމަށެވެ.

ނިރުވާނާގެ "ނެވަމައިންޑް" އަލްބަމްގެ ކަވަރުގެ މައްސަލައިގައި އެލްޑެން، ބޭންޑާ ގުޅުން ހުރި 17 މީހެއްގެ މައްޗަށް ދައުވާކުރީ އޭގެ ތެރެއިން ކޮންމެ މީހެއްގެ އަތުން ބަދަލަށް 150،000 ޑޮލަރު ނަގައިދޭން އެދި އެވެ.

އެލްޑެންގެ ފޮޓޯ ޖެހި އަލްބަމަކީ ނިރުވާނާގެ ދެވަނަ އަލްބަމެވެ. ޖުމްލަ 12 ލަވަ ހިމެނޭ އެ އަލްބަމަކީ 30 މިލިއަން ކޮޕީ ވިކުނު އެއްޗެކެވެ. ނެވަމައިންޑް" އަލްބަމްގެ ކަވަރުގެ މައްސަލައިގައި އެލްޑެން ދައުވާކުރަން ހުށަހެޅި މައްސަލަ ފުރަތަމަ ފަހަރު ކޯޓުން ބޭރުކުރުމުން ބޭންޑުން ބުނެފައި ވަނީ އެކަމުން ދައްކުވައި ދިނީ ޖިންސީ ގޮތުން ކުޑަކުއްޖަކު ނަހަމަ ގޮތުގައި ވިޔަފާރީގެ ގޮތުން ބޭނުން ނުކުރާކަން ކަމަށެވެ.