Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ޕެނަމާ އިން ރާއްޖެ އަށް އަލަށް ސަފީރެއް

ޕެނަމާ ސަރުކާރުން ރާއްޖެ އަށް އަލަށް ކަނޑައެޅި ސަފީރު އިޓްސެލް ޕަތީނޯ ދޭ ވިލްޔާރެއާލް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތު އޮތީ ހެނދުނު ރައީސް އޮފީހުގަ އެވެ.

ފަތްކޮޅު އެރުވުމަށްފަހު، ޕެނަމާގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި މިއީ ޕެނަމާ ސަރުކާރުން ރާއްޖެ އަށް ސަފީރަކު ކަނޑައެޅުއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށް އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެފަވެ އެވެ.

މީގެ އިތުރުން ވެސް ރައީސާއި ޕެނަމާގެސަފީރު ވަނީ ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވައިފަ އެވެ. އެގޮތުން، މަލްޓިލެޓަރަލިޒަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅޭ ގޮތުންނާއި މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުންނާއި،ޑިމޮކްރަސީ އާއި، ކައުންޓަ ޓެރަރިޒަމްގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

އަދި އެ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖެ އާއި ޕެނަމާއާ ދެމެދުގައިވާ ދޭދޭ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ޝައުޤުވެރިވާ ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ބޭނުންވާކަން ހާމަކުރައްވައިފަ އެވެ.

ރާއްޖެއާ ޕެނަމާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1989 ގަ އެވެ.