ހޮރައިޒަން ފިޝަރީޒްއަށް ހޯނޑެއްދޫއިން މަސްފެކްޓަރީ އަޅަން ދޫކޮށްފައިވާ ބިމުގެ އެގްރީމަންޓްގެ މައްސަލާގައި، ފިޝަރީޒް މިނިސްޓަރ މަޖިލީހުގައި ދެއްވާފައިވާ ޖަވާބުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހަޅުއްވާފައިވަނީ މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް މެމްބަރު ފިރުޝާން ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، މަޑަވެލި ހޯޑެއްދޫ ބިމުން ފިޝަރީޒް މިނިސްޓްރީއަށް ދޫކޮށްފައިވާ ބިން އެ މިނިސްޓްރީން 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒްއަށް މަސްފެކްޓްރީއެއް އެޅުމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިއޮތްތާ 17 އަހަރު ވާންދާއިރުވެސް އެ ބިމުގައި މަސްފެކްޓްރީއަޅައި މަސްވެރިންނަށް ހިދުމަތް ދީފައި ނުވާކަމަށެވެ.
ހޮރައިޒަންއަށް ހޯނޑެއްދޫއިން ދޫކޮށްފައިވާ ބިމުގެ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މަޖިލީހަށް އެކިފަހަރުމަތިން ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، ފިރުޝާންގެ ސިޓީގައިވަނީ، އެއްބަސްވުމާ ހިލާފުވެގެން ދޭ ނޯޓިސް ހޮރައިޒަންއަށް ދީފައިވާކަން މިނިސްޓަރު ބުނެފައިވާކަން ފާހަގަކޮށްފައެވެ.
ފިރުޝާންގެ ސިޓިގައި ބުނެފައިވަނީ ހޮރައިޒަންއިން އެތައް ފަހަރެއްގެ މަތިން އެއްބަސްވުމާއި ހިލާފުވެފައިވާކަން މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު ދެއްވާފައިވާ ޖަވާބުތަކުން އެނގޭ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި، އަދި އެއްބަސްވުން ބާތިލުކޮށްފައި ނުވާކަންވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން މި މައްސަލއުގައި ފިޝަރީޒް މިނިސްޓަރ އެއްވެސް ގޮތެއް ނުނިންމަވާ ސަަބަބެއް، އަދި މިކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ވޭތޯ ބެލުމަށް، އަދި އެއްބަސްވުން ދަމަހައްޓާ މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ބަލައިދިނުމަށް ފިރުޝާންގެ ސިޓީގައި އެދިފައިވެއެވެ.