Last Updated: July 23, 14:58
Thursday, July 23, 2026
ދުނިޔެ

އިނގިރޭސި އާ ބޮޑުވަޒީރަކަށް ލިޒް ޓްރަސް

އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް އެގައުމުގެ ފޮރިން ސެކްރެޓަރީ ލިޒް ޓްރަސް އިންތިހާބުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާނެ ފަރާތެއް ހޮވާފައިވަނީ އެ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ.

މި ވޯޓުގައި ކޮންޒަވޭޓިވް ޕާޓީގެ 170،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެފައިވެ އެވެ.

އެގޮތުން ލިޒް ޓްރަސް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް އައްޔަން ކުރަން އެ ޕާޓީގެ 81،326 މެމްބަރުން ވޯޓު ދެއްވި އިރު އޭނާއާ ވާދަ ކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނަކް އަށް ލިބިފައިވަނީ 60،399 ވޯޓެވެ. އެއާ އެކު ލިޒް ޓްރަސް ވަނީ ގައުމުގެ ބޮޑުވަޒީރު ކަމަށް ހޮވިފަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން އެ މަގާމުން އަދި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އިނގިރޭސިވިލާތަށް އާ ބޮޑުވަޒީރަކު ހަމަޖެހެންދެން ޖޯންސަން ބޮޑުވަޒީރުގެ މަގާމުގައި ދެމިހުންނަވާނެ އެވެ.

ލިޒް ޓްރަސް ރަސްމީކޮށް ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާ އެވެ.