Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ސީޕީ ކަޕްގެ ފިރިހެން ޗެމްޕިއަނަކީ އައިޑީ

ކޮމިޝަނަ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އައިޑީން ހޯދައިފި އެވެ.

އެ ޓީމް ޗެމްޕިއަންކަން ހޯދީ ރޭ އިމާދުއްދީން ސްކޫލު ހޯލުގައި ކުޅުނު ފައިނަލް މެޗުގައި ސައުތު ޕޮލިސްގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓް ކާމިޔާބުކުރީ އައިޑީ ކުލަބުންނެވެ. މި ދެ ސެޓްގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ.

އައިޑީ ކުލަބުން ސެޓްތައް ކާމިޔާބުކުރީ 22-25 އަދި 23-25 އިންނެވެ. މި ދެ ސެޓް ކާމިޔާބުކުރި ނަމަވެސް ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓްގައި އެޓީމަށް މާއެދެވޭ ކުޅުމެއް ނުދެއްކުމުގެ ނަތީޖާއަކަށްވީ ސައުތު ޕޮލިސް އިން ދެ ސެޓް ކާމިޔާބުކުރުމެވެ.
މި ދެ ސެޓް ސައުތު ޕޮލިސް އިން ކާމިޔާބުކުރީ 19-25 އަދި 18-25 އިންނެވެ. މެޗު ފަސްވަނަ ސެޓް ފަށައިގެން އައިޑީ ކުލަބުން ލީޑު ނެގިއެވެ. މި ލީޑުގައި އެޓީމުން ހިފަހައްޓައި 11-15 އިން ސެޓް ވަނީ ކާމިޔާބުކޮށްފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އަދި ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައިޑީ ކުލަބުގެ ކެޕްޓަން އަދި ތަޖުރިބާކާރު ސެޓަރު ޢަލީ މައުރޫފެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ޢަލީ މައުރޫފްގެ އިތުރުން ސައުތު ޕޮލިސްގެ މުޙައްމަދު ޔާސީން އާއި އަޙްމަދު ސަބާހު އާއި އައިޑީ ކުލަބުގެ އަޙްމަދު ފާރިޝް އާއި އަޙްމަދު އައިމަން އަދި ހުޅުމާލެ ޕޮލިސްގެ ހައިލަމް ހަސަނެވެ.

އެންމެ މޮޅު ލިބަރޯއަކަށް ހުޅުމާލެ ޕޮލިސްގެ އަހުމަދު ޝާން ހޮވުނު އިރު، ފެއަރޕްލޭ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕީއެސްއާރްސީ ޢަލީ ޒަޙުރާނެވެ. އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ އަޙްމަދު ނާފިއު އެވެ. އަދި ހިންގުންތެރި މެނޭޖަރަކަށް ސައުތު ޕޮލިސްގެ މެނޭޖަރު ޙުސައިން މުޙައްމަދު ހޮވުނު އިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އައިޑީ ކުލަބުގެ ކޯޗު ޝުއައިބް އަހުމަދެވެ.

ފިރިހެން ޑިވިޝަންގެ ތިން ވަނަ ޓީމަކީ ހުޅުމާލެ ޕޮލިސް އެވެ. އަދި ފެއާޕްލޭ ޓީމަކީ ޕީއެސްއާރްސީ އެވެ.

ޗެމްޕިއަން ޓީމަށް މެޑަލާއި ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު ޢަބްދުލް ރަޙުމާނެވެ. އަދި ރަނަރަޕް ޓީމަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ. ފައިނަލް މެޗު ނިމުމުން އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ފުލުހުންގެ ސީނިއާ އޮފިސަރުންނެވެ.

ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުން ޖުމްލަ 14 ޓީމަކުން ބައިވެރިވެފައިވެ އެވެ.