Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

ފިހާރައެއްގައި ރާ ވިއްކި މީހާގެ ބަންދަށް އިތުރު 30 ދުވަސް

ފޮޓޯ: ފުލުހުން

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދަނިކޮށް ހައްޔަރުކުރި މީހާގެ ބަންދު މުއްދަތު އިތުރު ކޮށްފިއެވެ.

މާލޭގެ ފިހާރައެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން އޮގަސްޓް 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ ސ. ހުޅޫދޫއަށް ނިސްބަތްވާ 45 އަހަރުގެ މީހެކެވެ. އެ މީހާގެ ބަންދަށް އޭރު ކްރިމިނަލް ކޯޓުން ދީފައިވަނީ ފަސް ދުވަހެވެ.

އޭނާގެ ބަންދު މުއްދަތު އިތުރު ކުރުމަށް އިއްޔަ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ކޯޓުގައި ބުނެފައިވަނީ، މީނާ މަސައްކަތްކުރާ މީނާގެ ފިހާރައިން ގިނަ އަަދަދެއްގެ ބަނގުރަލާއި، މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ރައްކާކޮށްފައި ހުރީ ފިހާރައިގެ އެކި ތަންތަނުގައި ކަމަށްވެސް ބުނެފައިވެއެވެ.

ބަންދު އަޑުއެހުމުގައި އެމީހާ ކޯޓުގައި ބުނެފައިވަނީ، ފިހާރައިން ފެނިފައިވާ ތަކެއްޗަކީ މީނާއާ ގުޅުމެއް ހުރި އެއްޗިއްސެއް ނޫން ކަމަށެވެ.

މިި މައްސަލައިގައި ފުލުހުން ކުރިން ބުނެފައިވަނީ، އޭނާގެ ފިހާރަ ބަލައިފާސްކުރިއިރު 69 ފުޅި ބަނގުރާ އާއި ބަނގުރާ ކަމަަށް ބެލެވޭ އެއްޗެއްހުރި ދެ ފުޅިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ޕާޓީ ޑްރަގް ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.