އައްޑޫ ފޭދޫ ސްކޫލަށް މި އަހަރު 50 އަހަރު ފުރިފައިވާތީ އެކަމާ ގުޅުވައިގެން ހާއްސަ ދުވުމެއް ބާއްވަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އެ ސްކޫލުން ބުނި ގޮތުގައި "ރަން 50" ގެ ނަމުގައި ބާއްވާ ދުވުން އޮންނާނީ މި މަހުގެ 17 ގަ އެވެ. އަދި މި ދުވުން ބާއްވަން ހަމަޖެހިފައި ވަނީ ތިން ކެޓަގަރީއަކަށެވެ. އެއީ 12 އަހަރުން މައްޗަށް ހާއްސަ 5 ކިލޯމީޓަރުގެ ދުވުމާއި 12 އަހަރުން ދަށަށް ހާއްސަ 5 ކިލޯމީޓަރު ދުވުމުގެ އިތުރަށް އިސްރަށްވެހިންނަށް ހާއްސަކޮށްގެން "ޕަވަ ވޯކް" ގެ ނަމުގައި ބާއްވާ 2 ކިލޯމީޓަރުގެ ދުވުމެވެ.
"ރަން 50" ގައި ބައިވެރިވެވޭނީ ފީއެއް ދައްކައިގެންނެވެ. އެގޮތުން މިހާރު ފޭދޫ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ފީ އަކީ 100ރ. އެވެ. އެ ނޫން މީހުން ބައިވެރިވާން 150ރ. ދައްކަން ޖެހެ އެވެ.
ފޭދޫ ސްކޫލުން ބުނި ގޮތުގައި އެ ސްކޫލްގެ ގޯލްޑެން ޖުބިލީއާ ގުޅިގެން ހާއްސަ ދުވުމެއް ބާއްވަން ނިންމީ ސްކޫލްގެ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ ފަންޑް ވެސް ހޯދުމުގެ ގޮތުންނެވެ. އެގޮތުން 50 އަހަރު ރަމްޒުކޮށްދޭ ބެޖެއް ވެސް ސްކޫލުން އަންނަނީ 30ރ. އަށް ވިއްކަމުންނެވެ.
ފޭދޫ ސްކޫލަކީ އެ އަވަށުގައި ހުރި ހަމައެކަނި ސްކޫލެވެ. އަދި މިއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ތަނެކެވެ.