Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

ބަހަށް ދަތިވާ ގޮތަށް ޕާކްކުރާ ނަމަ ފިޔަވަޅު އަޅަނީ

މިނީ ބަހަށް އުނދަގޫ ވާގޮތަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާޖަހާ ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، ބަސް ރޫޓަށް އުނދަގޫވާގޮތަށް، ޕާކު ކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖެހުމުގެ އިތުރުން، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާ އެކީ ކުރިއަށް އޮތް ދެ ހަފުތާ އަށް ހިލޭ ދަތުރުތައް ކުރެވޭނެއެވެ. މާލޭގައި 18 ބަސް ބޭނުން ކުރާ އިރު، ހިދުމަތް ކޮންމެ ބަސް ހުއްޓިއަކަށް 10-15 މިނެޓާ ދޭތެރޭ ވަގުތެއްގައި ލިބޭނެއެވެ. ހިދުމަތް ފެށުމާ އެކީ ދެ ހަފުތާ އަށް ހިލޭ ދަތުރުކުރެވޭނެ ފުރުސަތު ދިނުމަށް ފަހު، ހިދުމަތް ދޭނީ 7ރ. އަށެވެ.

މިނީ ބަހުގެ ހިދުމަތް އެމްޓީސީސީން ދޭ އިރު، ސްކޫލް ކުދިންނާއި 3 އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އިތުރުން ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އަބަދު ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.