ވިލާ އެއާގެ "ފްލައި މީ" އިން ސ. ގަމަށް ބާއްވާ ދަތުރުތަކަށް ޓިކެޓް ވިއްކާ އަގަށް އެއާ ލައިނުން ބަދަލުތަކެއް ގެނެސްފި އެވެ.
މަހުޖަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ އެއާގެ އޮފިޝަލަކު ވިދާޅުވީ އެ އެއާލައިނުން މިހާރު ޝެޑިއުލް ދަތުރުތައް ބާއްވަމުން އަންނަ އެތެރޭގެ ތިން މަންޒިލްގެ ޓިކެޓްގެ އަގަށް ވެސް މި މަހުގެ 1 އިން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށެވެ. ޓިކެޓް ވިއްކާ އަގުތަކަށް ބަދަލު ގެނެސްފައި ވަނީ އަށް ޕަސެންޓް ޖީއެސްޓީ ވެސް ހިމަނައިގެންނެވެ.
އަގަށް ގެނައި ބަދަލާ ގުޅިގެން، މާލެ އާއި ގަމާ ދެމެދު 888ރ. އަށް ޓިކެޓް ވިއްކަމުން ދިޔަ ސްޕެޝަލް ފެއާގައި މިހާރު އެއްކޮޅު ޓިކެޓެއް ވިއްކަނީ 999ރ. އަށެވެ. އަދި ރިޓާން ނަމަ 1،998ރ. އަށެވެ.
މާލެ އާއި ގަމާ ދެމެދު ނޯމަލް ފެއާގައި ބޮޑު މީހަކަށް އެއްކޮޅު ޓިކެޓެއް މިހާރު ވިއްކަނީ 1،395ރ. އަށެވެ. ކުރިން އެއްކޮޅު ޓިކެޓް ވިއްކީ ބޮޑު މީހެއް ނަމަ 1،370ރ. އަށެވެ.
އަދި ބޮޑު މީހަކަށް މާލެ/ގަން ރިޓާން ޓިކެޓެއް މިހާރު ވިއްކަނީ 2،790ރ. އެވެ. ކުރިން ދެކޮޅު ޓިކެޓެއް ވިއްކީ 2،740ރ. އަށެވެ.
މާލެ އާއި ގަމާ ދެމެދު އެއްކޮޅު ޓިކެޓެއް ކުޑަ ކުއްޖަކަށް މިހާރު ވިއްކަނީ 1،040ރ. އަށެވެ. ކުރިން އެއްކޮޅު ޓިކެޓެއް ކުޑަ ކުއްޖަކަށް ވިއްކީ 1،020ރ. އަށެވެ. ކުޑަ ކުއްޖަކަށް މާލެ އާއި ގަމާ ދެމެދު ދެކޮޅު ޓިކެޓެއް މިހާރު ވިއްކަނީ 2،080ރ. އަށެވެ. ކުރިން ވިއްކީ 2،040ރ. އަށެވެ.
މާލެ އާއި ގަމާ ދެމެދު ޓިކެޓްގެ އިތުރުން މާލެ އާއި މާމިގިއްޔާ މެދު ކުރާ ދަތުރުތަކުގައި ބޮޑު މީހަކަށް އެއްކޮޅު ޓިކެޓެއް މިހާރު ވިއްކަނީ 540ރ. އަށެވެ. ކުރިން ވިއްކީ 525ރ. އަށެވެ.
ކުރިން މާމިގިލީ ދެކޮޅު ޓިކެޓެއް ބޮޑު މީހަކަށް 1،050ރ. އަށް ވިއްކި ނަމަވެސް މިހާރު ވިއްކަނީ 1،080ރ. އަށެވެ. އަދި ކުޑަ ކުއްޖަކަށް ކުރިން އެއްކޮޅު ޓިކެޓެއް 263ރ. އަށް ވިއްކި ނަމަވެސް މިހާރު ވިއްކަނީ 270ރ. އަށެވެ. ދެކޮޅު ނަމަ ކުރިން 525ރ. އަށް ވިއްކި ޓިކެޓް މިހާރު ވިއްކަނީ ކުޑަ ކުއްޖަކަށް 540ރ. އަށެވެ.
ގަމާއި މާމިގިލީގެ އިތުރުން ފްލައި މީން މިހާރު ދަތުރުތައް ބާއްވާ ދަރަވަންދު އަށް އެއްކޮޅު ނަމަ ބޮޑު މީހަކަށް ޓިކެޓް ވިއްކަނީ 690ރ. އަށެވެ. ދެކޮޅު ނަމަ 1،380ރ. އެވެ. އަދި ކުޑަ ކުއްޖަކަށް އެއްކޮޅު ނަމަ 345ރ. އެވެ. ދެކޮޅު ނަމަ 690ރ. އެވެ.