Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ބަސް ދުއްވާ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާނެ

މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށުމާ އެކު މާލޭގެ ބައެއް މަގުތަކުގައި ވެހިކަލްތައް ޕާކުކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެސްފައިވާތީ މިނީބަސް ދުއްވާ މަގުތަކުގައި، ހާއްސަކޮށް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ގޮތަށް ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން ބުނީ ޕާކު ކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ބަސް ރޫޓަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ވައިލޭޝަން ސްޓިކަ ޖެހުމުގެ އިތުރުން، ޓޯކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ވެސް ކުރާނެ ކަމަށެވެ.

އެހެންވެ މިނީ ބަސް ދުއްވާ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވާ ގަޑިތަކާއި ސްކޫލްތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި، މުދާ އުފުލާ އުޅަނދުފަހަރު ނުދުއްވުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. އަދި އެ މަގުތަކުގައި ހަތަރު ފުރޮޅުލީ ވެހިކަލްތަކުގައި މަޑުކޮށްގެން ނުތިބުމަށާއި ހެވީ ވެހިކަލްތައް އެ މަގުތަކުގައި ބޭނުންކުރުން ވީހާވެސް ބޮޑަކަށް މަދުކުރަން ވެސް އިލްތިމާސްކޮށްފައިވެ އެވެ.