ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ދިޔަނަރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްޤީކުރުމަަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، އެން.ބީ.އޭ.އެމް ގެ ބޭފުޅުން ވަނީ އެން.ބީ.އޭ.އެމް އުފެދުނީއްސުރެ ރާއްޖޭގައި ފަތުރުވެރިކަމަށް ދުއްވާ ސަފާރީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ބޯޓިން ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާތީ، ބައިނަލްއަޤްވާމީ ފެންވަރުގެ ކްރޫ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ވެސް މޫދުގައި ދުއްވާ އުޅަނދުތައް ރަހުނުގެ ގޮތުގައި ބަހައްޓައިގެން ލޯނު ނެގޭނެ އުޞޫލެއް ނެތުމުން ދިމާވާ ދަތިތަކާއި، ބައިނަލްއަޤްވާމީ ކްރޫޒް ލައިނަރތައް ރާއްޖޭގައި ހިންގުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި، ޤުދުރަތީ ވަޞީލަތްތައް އެންމެނަށް ވެސް ބޭނުން ހިފޭނެ ގޮތަކަށް ބެލެހެއްޓޭނެ ޕްލޭނެއް އޮތުމުގެ މުހިންމުކަމާއި، އެން.ބީ.އޭ.އެމްގެ މަސައްކަތްތައް ފުޅާވަމުންދާއިރު އެތަނުގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައް އެބޭފުޅުން ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ދިޔަނަރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްޤީކުރުމަަށް ސަރުކާރުން ނިންމާފައިވާކަމަށާއި މި މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނޮވެމްބަރު މަހު ފަށާނެކަން ހާމަކުރައްވާފަ އެވެ.
އެން.ބީ.އޭ.އެމްގެ ބޭފުޅުން ފާހަގަކުރެއްވީ މުހިންމު ކަންކަން ކަމަށްވުމުން ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.