އިނގިރޭސި ރާނީ އެލިޒަބަތު، އެގައުމުގެ އައު ބޮޑުވަޒީރުގެ މަގާމަށް ލިޒް ޓްރަސް އައްޔަން ކުރައްވައިފި އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާނެ ފަރާތެއް ހޮވާފައިވަނީ އެ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. މި ވޯޓުގައި ކޮންޒަވޭޓިވް ޕާޓީގެ 170،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެފައިވެ އެވެ.
އެގޮތުން ލިޒް ޓްރަސް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް އައްޔަން ކުރަން އެ ޕާޓީގެ 81،326 މެމްބަރުން ވޯޓު ދެއްވި އިރު އޭނާއާ ވާދަ ކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނަކް އަށް ލިބިފައިވަނީ 60،399 ވޯޓެވެ.
ރާނީ އެލިޒަބަތު، ލިޒް ޓްރަސް ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރެއްވީ ސްކޮޓްލެންޑްގައި ހުންނަ ޝާހީ އާއިލާގެ ގަނޑުވަރު، ބަލްމޮރަލް ކާސްލްގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ރާނީ އެލިޒަބަތު ވަނީ އިނގިރޭސި އައު ސަރުކާރު އެކުލަވާލެއްވުމުގެ މަސައްކަތް ޓްރަސްއާ ރަސްމީގޮތުން ހަވާލު ކުރައްވާފަ އެވެ. އަދި ޓްރަސް ވަނީ އެކަން ގަބޫލުފުޅު ކުރައްވާފަ އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން އެ މަގާމުން އަދި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އިނގިރޭސިވިލާތަށް އާ ބޮޑުވަޒީރަކު ހަމަޖެހެންދެން ޖޯންސަން ބޮޑުވަޒީރުގެ މަގާމުގައި ދެމި ހުންނަވާފަ އެވެ.