ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިރޭ ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރެބް އަތުން 1-0 އިން ޗެލްސީ ބަލިވެއްޖެ އެވެ.
ޗެމްޕިއަންސް ލީގުގައި ޗެލްސީ ލައްވާލާފައިވަނީ ޑައިނަމޯ ޒެގްރެބް އާއި އޭސީ މިލާން އަދި ރެޑްބުލް ސަލްޒްބާގާއެކު ގްރޫޕް އީ ގަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ޗެލްސީ ބަލިވި ތިންވަނަ ފަހަރެވެ.
ކްރޮއޭޝިއާގައި ކުޅުނު މި މެޗަށް ޗެލްސީން ނެރުނު ފުރަތަމަ އެގާރައިން މިދިޔަ ޓްރާންސްފާ މާކެޓުގައި ބާސެލޯނާ އިން ގެނައި ފޯވާޑް، ޕިއޭ އެމެރިކް އޮބާމަޔަން އަށް ފުރުސަތު ދީފައިވެ އެވެ. އަދި އަނިޔާގެ ސަބަބުން ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީގެ ބަދަލުގައި މި މެޗުގައި ކުޅެފައިވަނީ އެޓީމުގެ ދެވަނަ ކީޕަރު ކެޕާ އެވެ.
މި މެޗުގެ ކުރީކޮޅު ޗެލްސީ އަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ޑައިނަމޯ ޒެގްރެބަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މިސްލާވް އޯސިޗް އެވެ. މެޗުގެ 13 ވަނަ މިނެޓްގައި އޯސިޗް މި ގޯލް ކާމިޔާބު ކުރީ ޒެގްރެބުން އުފެއްދި ކައުންޓަ އެޓޭކެއްގައި މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މި ގޯލަށްފަހު ޑައިނަމޯ ޒެގްރެބުން ކުޅުން ރަނގަޅުކޮށް ދިޔައީ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓްގައި އެޓީމުގެ އަޑޭމީ ދުރުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޗެލްސީގެ ކީޕަރު ކެޕާ ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 56 ވަނަ މިނެޓްގައި ޒެގްރެބްގެ ލީޑު ފުޅާކޮށްލަން އެޓީމުގެ ރިސްޓޯވްސްކީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާވެސް ދިފާއުކުރީ ޗެލްސީގެ ކީޕަރެވެ. މުޅި މެޗުގައި ވެސް ނަތީޖާ އެއްވަރުކޮށްލަން ޗެލްސީ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 85 ވަނަ މިނެޓްގައި ރީސް ޖޭމްސް އަށެވެ. ނަމަވެސް ޖޭމްސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޗެލްސީން ދެން ބައްދަލުކުރާނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގްއާ އެވެ. ޑައިނަމޯ ޒެގްރެބް ނިކުންނާނީ އޭސީ މިލާނާއި ދެކޮޅަށެވެ.