ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރޭ އާލިން ހާލަންޑްގެ ދެ ގޯލާ އެކު މެންޗެސްޓާ ސިޓީން 4-0 އިން ސެވިއްޔާ ބަލިކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގައި ސިޓީ ލައްވާލާފައިވަނީ ބްރޫޝިއާ ޑޯޓްމަންޑް އާއި ސެވިއްޔާ އަދި ކޮޕެންހޭގަންއާއެކު ގްރޫޕް ޖީ ގަ އެވެ. މި ގްރޫޕްގައި ރޭ ޑޯޓްމަންޑުން ވަނީ 3-0 އިން ކޮޕެންހޭގަން ބަލިކޮށްފަ އެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގެ 20 ވަނަ މިނެޓްގައި ކެވިން ޑި ބްރޭނާ ނަގައިދިން ހުރަހަކުން ސިޓީ އަށް ލީޑު ނަގައިދިނީ ހާލަންޑް އެވެ. މެޗުގެ 58 ވަނަ މިނެޓްގައި ފިލް ފޮޑެން ސިޓީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިންއިރު ސިޓީގެ ތިންވަނަ ގޯލް މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ. އަދި ސިޓީގެ ފަހު ގޯލް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ރުބެން ޑިއާސް އެވެ.
ރޭގެ މެޗުގައި ހާލަންޑް ޖެހި ދެ ގޯލާއެކު އޭނާ މި ސީޒަނުގައި ޖެހި ގޯލްތަކުގެ އަދަދު މިހާރު ވަނީ 12 އަށް އަރާފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ރެއާލް މެޑްރިޑުން ވަނީ ރަށުން ބޭރުގައި ސެލްޓިކްގެ މައްޗަށް 3-0 އިން ކުރި ހޯދާފަ އެވެ. އަދި އަމިއްލަ ދަނޑުގައި ޕީއެސްޖީން ވަނީ ޔުވެންޓަސް 2-1 އިން ބަލިކޮށްފަ އެވެ.