Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އަންހެން ޗެމްޕިއަނަކީ ހުޅުމާލެ ޕޮލިސް

ކޮމިޝަނަ އޮފް ޕޮލިސް ވާދައިގެ ތައްޓަށް ކުޅުނު ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހުޅުމާލެ ޕޮލިސް އިން ހޯދައިފި އެވެ.

އެ ޓީމް މުބާރާތުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޯމަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލް ހޯޅުގައި ކުޅުނު ފައިނަލް މެޗުގައި ސިޓީ ޕޮލިސްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓްތައް ހުޅުމާލެ ޕޮލިސް އިން ކާމިޔާބުކުރީ 25-14، 25-14 އަދި 25-19 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ ހައްވާ ރާޝިދާ އެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހައްވާ ރާޝިދާ ހިމެނޭ އިރު، ދެން ހިމެނެނީ ހުޅުމާލެ ޕޮލިސްގެ ހައިފާ އިމާދު އާއި އައިޝަތު ޝާލިނީ އާއި ސިޓީ ޕޮލިސްގެ ފާތިމަތު ޒީނިޔާ އާއި މުއީނާ ހަސަންގެ އިތުރުން ޕީއެސްއާރުސީ/ސްއޯއާރުސީ ކޮމްބައިންގެ ފާތިމަތު ސަމްހާ އެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ޕީއެސްއާރުސީ/އެސްއޯއާރުސީ ކޮމްބައިންގެ ޝިރުމީނާ މުޙައްމަދެވެ. ފެއަޕްލޭ ކުޅުންތެރިޔަކަށް ހުޅުމާލެ ޕޮލިސްގެ ހަދީޖާ ނަޒީލާ ހޮވުނު އިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސިޓީ ޕޮލިސްގެ އައިޝަތު ޒައިނާ އިބްރާހިމެވެ.

އަންހެން ޑިވިޝަންގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ސިޓީ ޕޮލިސްގެ ފައިނާޒް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ ކޯޗު ހާލިދު މުހައްމަދެވެ. ފެއާ ޕްލޭ ޓީމަކަށް ޕީސީ ގާލްސް ހޮވުނު އިރު، ތިން ވަނަ ޓީމަކީ ޕީއެސްއާރުސީ/އެސްއޯއާރުސީ ކޮމްބައިން އެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް މެޑަލާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ. މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ޓްރޮފީ ބައްސަވާ ދެއްވީ ފުލުހުންގެ ސީނިއާ އޮފިސަރުންނެވެ.

ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވެ އެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ އައިޑީ އެވެ.