ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާ އެކީ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވެލިދު އަށް ދަތުރުކުރި ބޯޓަކުން އެ ރަށަށް ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި ވެލިދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު، ގެންގުޅުނު ދަބަހުން ތިން ފުޅި ބަނގުރާ ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވެސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.