Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އަދާލަތަށް ޝެއިހް ހުސައިންގެ ބަހުގެ ހަމަލާތަކެއް

އެގާރަ އަހަރު ފަހުން ރާއްޖޭގައި ވެރިކަން ކުރާނީ އަދާލަތު ޕާޓީ ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެން އަދާލަު އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތް ޝެއިހް ހުސައިން ރަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރުކަން ކުރައްވާ އިމްރާން މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2033 ގައި ރާއްޖޭގައި ވެރިކަން ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ.

އިމްރާންގެ މި ވާހަކަތަކަށް "ޖޯކް ޖައްސަވައި" ޝެއިހް ހުސައިން ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީން ވެރިކަމަށް ކުރިމަތިލާން 168 އަހަރުގެ ރާސްތާއެއް ކަޑައްތުކުރަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އަދާލަތު ޕާޓީ ވެރިކަމަށް އަންނަން އޮތް އެންމެ ބޮޑު ހުރަހަކީއެ ޕާޓީގައި ތިބި ސަލަފީން ކަމަށެވެ. އެހެންވެ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީސް "ދޮވެ ސާފުކޮށްގެން ނޫނީ" ރައްޔިތުންގެ ވޯޓަކާ ހަމައަށް ނާދެވޭ ކަމަށް ހުސައިން ވިދާޅުވި އެވެ.

"އަދާލަތުގެ އިލްމުވެރިންގެ މަޖިލިސް ދޮވެ ސާފުކޮށްގެން ނޫނީ ޢަދާލަތަކަށް ރައްޔިތުންގެ ވޯޓަކާ ހަމައަށް އާދެވޭކަށް ނެތެވެ. އޭގައި މުޅިންހެން ތިއްބެވީ ޢައްލާމާ އިޤްބާލު ވިދާޅުވިކަހަލަ ޝައިޚުންނެވެ،" ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް އަދާކުރައްވާ ޝެއިހް ހުސައިން ވިދާޅުވި އެވެ. "[އެ ޕާޓީގައި ތިބީ] އެކާވީސް ވަނަ ގަރުނުގައި ވެސް ބިން ފަތާކަމަށް ގަބޫލުކުރާ ފާޑުގެ ޢިލްމުވެރިންނެވެ. އެއުރެންގެ ދީނީ ސިޔާސީ ފިކުރު އޮންނަނީ ވަހުތާނެއްހެން ވަޔާ ތެޅިތެޅި އެވެ."

އޭނާ ވިދާޅުވީ ސަލަފީންގެ އަގީދާ އަކީ ޕާޓީ ސިސްޓަމާއި ޑިމޮކްރަސީ އަކީ ހަރާން އެއްޗެއްކަމުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކީ ޝިރުކު ކަމަަށެވެ. އެހެންވެ ވަޟުޢީ ގާނޫނު ހަރާމޭ ބުނާ އިރު މަޖިލިސްތަކުން ހަދާ ގާނޫނުތަކާ އިސްލާމީ ފިގުހާ ދެމެދު ހުރި ތަފާތަކާ ގުޅުމެއް ރޭކާއެއް ނުލާކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަލަފީންނަކީ ސަރުކާރު ހިންގުމަށް ބޭނުންވާ ބޭންކިން ސިސްޓަމާއި ޑިއުޓީ އާއި ޓެކުހާއި މިފަދަ އެންމެހާ ޒަމާނީ މާލީ ނިޒާމަކީ ހަރާން ކަންކަން ކަމަށް ދެކޭ ބައއް ކަމަށާއި އެފަދަ ބަޔަކު މިއަދު އެހެން ދުނިޔެއަކަށް ނުގޮސް އުޅޭނީ ކިހިނަކުންތޯ ވެސް އައްސަވާފައިވެ އެވެ.

"ސަލަފީން އަދާހަމައަށް އަންނަނީ ބައިވެރިންނަށް ދޯކާދެމުންނެވެ. މުރުސީ އަށް ދޯކާދީ އެންމެ ފުރަތަމަ ބަޣާވަތަށް ނިކުތީ ސަލަފީންނެވެ. ރާއްޖޭގައި އެމްޑީޕީ އަށް ދޯކާދިނީ އެވެ. ޕީޕީއެމަށް ލަނޑު ދިނީ އެވެ. ރާއްޖޭގައި ހިނގާ ހުރިހާ ހަމަނުޖެހުމެއްގެ އަޑީގައި ސަލަފީ ވައްހާބީންގެ އަތެއް ވާކަމަށް މުހައްގިގުން ތުހުމަތު ކުރެއެވެ." ޝެއިހް ހުސައިން އަދާލަތަށް ރައްދުކޮށް ވިދާޅުވި އެވެ. "ސަލަފީން ދެކޭ ގޮތުން އުޅޭން ޖެހެނީ ރަސޫލާގެ ދުވަސްވަރުގެ ގޮތަށެވެ. އެބައި މީހުންނަކަށް ކީރިތި ރަސޫލާގެ މަންހަޖަށް ތިމާމެންގެ ދިރިއުޅުން ފައްތައިގެން ދާން އެއްބަހެއް ނުވެވެ އެވެ."