Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ދަރަންޏަށް ލުއި ގޮތް ހޯދަން މަޝްވަރާކުރުމުގެ ވިސްނުމެއް އަދި ނެތް: މިނިސްޓަރު

މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެއިން އެކި ފަރާތްތަކުން ނަގާފައިވާ ދަރަންޏަށް ލުއި ގޮތް ހޯދަން އެފަރާތްތަކާ ވާހަކަ ދެއްކުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވަނީ ރާއްޖެއިން ދަރަނި ނަގާފައިވާ ފަރާތްތަކާ ވާހަކަ ދައްކައިގެން ދަރަންޏަށް ލުޔެއް ހޯދުމުގެ އެއްވެސް ވިސްނުމެއްހުރިތޯ މިނިސްޓަރު އަމީރާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދީ ހާލަތާ ގުޅިގެން ރާއްޖޭގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެއް ބަރާބަރަށް ދަރަނި އަދާކުރަމުން އަންނަ ގައުމެއް ކަމަށެވެ. އަދި އެއްވެސް އިރެއްގައި ދަރަނި ނުދެއްކިފައި ނެތް ކަމަށާއި، އެހެންކަމުން ކުރިއަށްއޮތްތަނުގައިވެސް ރާއްޖެ ޑިފޯލްޓް ވާނެ ހާލަތެއް އަންނާނެ ކަމަށް އަންދާޒާ ނުކުރެވޭ ކަމަށެވެ.

"އެހެންވީމަ ދަރަންޏަށް ލުއިގޮތްތައް ހޯދުމަށްޓަކައި އެކިއެކި ފަރާތްތަކާ ވާހަކަދައްކަން، އެ ވިސްނުމެއް އަދި އަޅުގަނޑުމެން ނުގެންގުޅެން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ރާއްޖެއިން އެކި ފަރާތްތަކުން ނަގާފައިވާ ދަރަންޏަށް ލުއި ގޮތް ހޯދަން އެފަރާތްތަކާ ވާހަކަ ދެއްކުމުގެ ވިސްނުމެއް ނެތްކަމަށް ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގައި ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ، މުޅި މަޖިލީހުގެ ކޮމިޓީން ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ނުވަތަ ރީ-ޕްރޮފައިލް ކުރުމަށް ސަރުކާރަށް ދެންނެވުމަށް ނިންމި ނިންމުން 21 އޮކްޓޫބަރު 2020 ގައި ފާސްކޮށްފައެވެ.

އެހެންނަމަވެސް ސަރުކާރުން އަންނަނީ ދަރަނި ދެއްކުމަށް ދައްޗެއް ނެތްކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.