Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ޤާނޫނު ތަންފީޒު ނުކުރެވޭތީ ހުށަހެޅި މައްސަލަ ބޭރު ކޮށްލައިފި

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ކުށްކުރުން ގިނަވުމާއި ޤާނޫނުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އިތުރުވަމުންދާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މިމައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 25 މެމްބަރުން ވޯޓު ދެއްވާފައެވެ.

އާދަމް ޝަރީފް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ, ރާއްޖޭގައި ގޮތްނޭނގޭ މަރުތަކާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި އެކަމާގުޅިގެން ހިންގާ މާރާމާރީ އިތުރުވުމާއި ޖިންސީ ގޯނާކުރުމާއި އެކަމާގުޅިގެން އުފެދޭ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މިކަންކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދި, ކުށްކުރާ މީހުން މުޖްތަމައުގެ ތެރޭގައި މިނިވަންކަމާއެކު އުޅެމުންދާއިރު ފިޔަވަޅު ނޭޅުމުގެ ސަބަބުން ބައެއް ސިޓީތަކާއި ރަށްރަށް ހަލާކުގެ ތެރެއަށް ވެއްޓެމުންދާކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

"… ޚާއްސަކޮށް, އައްޑޫސިޓީގައި މަސްތުވާތަކެތީގެ މައްސަލައާއި އެކަމާގުޅިގެން ހިންގާ މާރާމާރީއާއި ވައްކަން އިންތިހާއަށް އިތުރުވެ, ރައްޔިތުން ގޮތްހުސްވެ, ކަންބޮޑުވެފައިވާއިރުވެސް, އެކަށޭނެ ހައްލެއް ހޯދައިދެވިފައިނުވާތީއާއި …" އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ, މައްސަލަތަކުގައި އަޅަންޖެހޭ އަވަސް ފިޔަވަޅު ނޭޅުމުގެ ސަބަބުން, ކުށްކުރާ ފަރާތްތަކަށް އާންމު ފަރާތްތަކުން އަނިޔާކޮށް, ގަންހިންގުންފަދަ ކަންކަން މުޖުތަމައުގައި އާންމުވަމުންދާކަމަށެވެ. އަދި މިކަންކަމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން އިތުރުވަމުންދާކަމަށެވެ.

އެހެންކަމުން މިކަންކަމުގައި އަވަހަށް ފިޔަވަޅުއަޅައި, ރައްޔިތުންނާއި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޤާނޫނުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.